ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރަމުން ދަނީ، ރިޔާސީ ނިޒާމުގެ އަސާސްތައް ފުނޑާލަން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝަރީފް ވިދާޅުވީ ރާއްޖޭގައި އޮތީ ބާރުތައް ވަކިވެފައިވާ ނިޒާމެއްކަމަށާއި ސަރުކާރުން މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެފައިވާކަމަށް އިދިކޮޅު މެމްބަރުން ކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ.
މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރަމުން ދަނީ، ރިޔާސީ ނިޒާމުގެ އަސާސްތައް ފުނޑާލުމަށްކަމަށާއި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ ބޭފުޅުން އެ ސިފަ ގެނައުމަށް ބޭނުނުން ވާތީ އެގޮތުގެ މަތީން ނޫޅެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެމްޑީޕީން މަސައްކަތް ކުރަމުން ގެންދަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި ވެރިކަމަށް ޖެއްސުން ކުރުމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން، ރާއްޖޭގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީ ވެސް ރައްޔިތޖންގެ ކިބައިގައިކަމަށް ބުނާކަމަށެވެ. އަދި ގާނޫނުތައް ހެދުމުގެ ބާރު މަޖިލީހަށް ލިބިދީފައިވާއިރު ވެރިކަން ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަޣުލަބިއްޔަތުން އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާއަށްކަމަށެވެ.
ވަޒީރުން މަގާމުތަކަށް އައްޔަނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރަކަށްވާއިރު ތިމާ ނުރުހޭ ވަޒީރަކަށް ވުމުން އަމިއްލަ ޒާތީ ގޮތްތައް ސަރުކާރުގެ ތެރެއަށް ގެނައުމަކީ އެއީ ޑިމޮކްރަސީއެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ. މިއީ އެއްގޮތަކަށް ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމެއް ނޫންކަމަށާއި، އެމްޑީޕީން އުޅެނީ ވެރިކަން ހިންގުމަށް ހުރަސްއަޅައި އުނދަގޫކޮށް ޖެއްސުން ކުރުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުން ރިއާޔަތް ކުރަން ޖެހެނީ އެބޭފުޅުން ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވޭތޯ ބެލުން ކަމަށެވެ. އެހެން ނަމަވެސް ގާނޫނުއަސާސީއާއި ޑިމޮކްރަސީގެ ނަމުގައި “ޗެކް އެންޑް ބެލެންސްޑް” ގެ ނަން ބޭނުންކޮށް އަމިއްލައިން ގާނޫނަށް ގޮންޖެހުން މާ ގޯސް ނޫންތޯ ޝަރީފް ސުވާލު ކުރެއްވިއެވެ.
ގާނޫނުއަސާސީގެ މި މާއްދާއަށް ބަލާއިރު، ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާ ވަޒީރުންނަށް ވާން ޖެހެއެވެ.
ވަޒީރުންނަށް ރުހުން ނުލިބޭ ހާލަތެއްގައި ދެން ވާނެ ގޮތެއް ގާނޫނުގައި ބަޔާނެއް ނުކުރެ އެވެ. އަދި އެބޭފުޅުން އަލުން އަނެއްކާވެސް މަގާމަށް އައްޔަނު ކުރެވިދާނެކަން ނުވަތަ ނޫންކަން ގާނޫނުގައި ނެތެވެ. ސުޕްރީމް ކޯޓުން 2010 ގައި ގެނެސް ދިން ގާނޫނީ ލަފައަށް ބަލާއިރު އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީގެ 14 އަހަރު ކުރީގެ ހުކުމެކެވެ.