ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ތަސައްވުރު ރައީސް އިޢުލާނު ކުރައްވައިފި

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާން ކުރެއްވީ ދުބާއީގައި މިހާރު ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ދެއްވި ތަޤުރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ހިންގުމުގެ ދާއިރާ ހަރުދަނާކޮށް ގުޅިގެން މަސައްކަތް ކުރުމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރާއި ވެރިން ދައްކަވާ ނަމޫނާ ފާހަގަ ކުރައްވައި، އެކަމަށް ތަޢުރީފު ކުރެއްވިއެވެ.

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ދެއްވި ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޒިޓަރ އިކޮނޮމީ ކޮންސެޕްޓްގެ ދަށުން އިޤްތިޞާދީ ދާއިރާއިން ދެމެހެއްޓެނިވި ތަރައްޤީ ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފްރީ ޒޯނަކާއެކު ސެންޓްރަލް މެރިޓައިމް ބަނދަރެއް ތަރައްޤީކުރުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ފުޅާކުރުމާއި، ދިވެހިރާއްޖޭގެ އެންމެ އުތުރުގައި ބައިނަލްއަގުވާމީ ޝިޕިންގ ރޫޓެއް ޤާއިމުކޮށް، ކަނޑު ދަތުރުފަތުރާއި ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ ގޮތުން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ވަސީލަތްތައް ބޭނުންކުރުމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު އެމަނިކުފާނުގެ މެނިފެސްޓޯގެ މުހިންމު ވައުދުތައް ތަކުރާރުކުރައްވައި، ސަރުކާރު ހިންގުމާއި އާންމު ޚިދުމަތްތައް ދިނުމުގައި ކަރުދާސް ބޭނުންކުރުން ހުއްޓާލައި، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރުމަށް ސަރުކާރުން އިސްކަންދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޤްތިޞާދީ ތަރައްޤީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެ މަސައްކަތުގެ ފެށުމެއްގެ ގޮތުގައި ރަސް-މާލެ އިކޯ-ސިޓީ މަޝްރޫޢު ފަށާފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢު ފެށުމުގެ އަމާޒަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް 65،000 ހައުސިންގ ޔުނިޓް ފޯރުކޮށްދީ، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އާ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައަޅައި ކުރިއެރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތައް ތަރައްޤީ ކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ މާހައުލާއި، މޫސުމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އިޢާދަކުރަނިވި ހަކަތަ 33 އިންސައްތައަށް އިތުރުކުރުމާއި، ދިވެހިރާއްޖޭގައި ބަޔޮސްފިއަރ ރިޒަރވްތަކާއި ނޭޗަރ ޕާކްތައް އިތުރުކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމާއި، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ވަރޓިކަލް ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ހޯދުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ފިޔަވަޅު އެޅުމަށް އިސްކަންދީ، 20 އަހަރަށް އެކުލަވާލާ ތަރައްޤީގެ ޕްލޭނެއް ތަންފީޒުކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި، އެކި ޤައުމުތަކާއެކު ޢިލްމު ހިއްސާ ކުރުމާއި، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ރާއްޖެއިން އުންމީދުކުރަނީ، އެހެން ސަރުކާރުތަކާ އެކުގައި މަސައްކަތްކުރެވޭނެ ހަރުދަނާ ގުޅުންތައް ޤާއިމުކޮށް، ޤައުމުތަކުން އިސްކަންދޭ ކަންކަމުގައި ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު