Wednesday, 22 May 2024

މަޖިލީހުގެ ރައީސާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

މި މައްސަލަ ކުރިއަށް ނުގެންދަން ނިންމަވާފައިވާކަން ހާމަކުރައްވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވަނީ ކަމަށެވެ. އަދި އެކަން މިހާރު މަޖިލީހަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީޕީއެމް/ޕީއެންސީންނެވެ. އެ މައްސަލަ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ 23 މެންބަރުންގެ ސޮޔާއެކުގައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި އަމިއްލަ ބައެއް މެންބަރުންގެވެސް ސޮޔާއެކުގައެވެ. މި މައްސަލައިގެ ނޯޓިސްވެސް މަޖިލީހުގެ އިދާރާއިން ވަނީ އެ ދެބޭފުޅުންނަށް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކުގައެވެ. އެހެންކަމުން މިހާރު ތިބި މެންބަރުންގެ އަދަދަށްބަލާއިރު މި މައްސަލަ ހުށަހެޅުމަށް ބޭނުންވަނީ 22 މެންބަރުންގެ ސޮޔެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ އެ ދެބޭފުޅުން ނުފޫޒު ބޭނުންކޮށްގެން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލައިގައިވެސް މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދާއި ޤަނޫނުއަސާސީއާ ޚިލާފަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އިންތިޚާބުވެވަޑައިގެންނެވީ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް އިންތިޚާބުވެވަޑައިގަތީ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *