ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން 381 މީހުން ފޯމު ހުށަހެޅި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައިވަނީ 381 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސްއިން ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 381 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އޭގެތެރެއިން ގިނަ ފޯމުތައް ފަހު ދެ ދުވަހު ހުށަހަޅާފައިވާތީ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކުރެވިފައިނުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރު 2:00 އާ ހަމައަށް ވަނީ ހަމަވެފައެވެ. ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އިންތިޚާބުގައި ވާދަކުރަން އެދި ފޯމު ހުށަހެޅުމުން އެ ފޯމު ބަލައިގަތުމާއި ގުޅޭގޮތުން އިލެކްޝަންސްއިން ގޮތެއް ނިންމައި 48 ގަޑިއިރު ތެރޭގައި އެ ފަރާތްތަކަށް އަންގަން ޖެހެއެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ދާއިރާތަކަށް ވާދަކުރަނީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީންނެވެ. އެ ކޯލިޝަނުން 90 ދާއިރާއަށް ވާދަކުރާއިރު އިދިކޮޅު އެމްޑީޕީން ވާދަކުރަން ނިންމާފައިވަނީ 89 ދާއިރާއަށެވެ. މީގެ އިތުރުން އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް އިންވެސް މި އިންތިޚާބުގައި އެކި ދާއިރާތަކަށް ވާދަކުރެއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި ފޯމު ހުށަހަޅަން އިތުރު ފުރުސަތެއް ދެން ނުލިބޭނެ ކަމަށާއި، އިންތިޚާބެއްގައި ވާދަކުރުމަށް ޤާނޫނީ ގޮތުން އެ ކޮމިޝަނަށް ދެވޭނީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އިންތިޚާބު ބާއްވާ ތާރީހު ފަސްވި ނަމަވެސް އިތުރަށް އެ ފުރުސަތު ހުޅުވާނުލާނެކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

ންޑިޑޭޓުންގެ ގުރުއަތުލުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އޭގެ ކުރިން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތުވެސް ކެންޑިޑޭޓުންނަށް ލިބިގެންދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސްއިން ނިންމަވާފައިވަނީ މާޗު 17 ގައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އެ ތާރީހު ބަދަލުވާނެއެވެ. އެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިޚާބެއް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ