ގުޅިފަޅު ހިއްކުން ވަގުތީ ގޮތުން މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފިއެވެ.
އެހެންކަމުން، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަދު ހެނދުނެވެ. ބަންޑާރަ ނައިބުގެ ފަރާތުން ހައި ކޯޓުގެ އަމުރު އިސްތިއުނާފް ކުރިއިރު، އެ ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ދިނުމަށް ވެސް ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.
ގުޅިފަޅު ހިއްކުން މިވަގުތު ކުރިއަށް ގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލައިގައި އެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
އެ ފަނޑިޔާރުން ނެރުއްވި އަމުރުގައި ވަނީ ހައި ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސްނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަމަލު ކުރަން އަންގަންދެން ނުވަތަ މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ދެން ހައި ކޯޓުގެ ގަޒިއްޔާގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުގެ ގަވައިދުގެ 21 ވަނަ މާއްދާގެ ދަށުން އެންމެހާ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެ މައްްސަލައާ ގުޅިގެން އުޝާމް ރޭ ވިދާޅުވީ، ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެއް ކަމަށާއި، އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު ބޮޑުބައި މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަަމަށެވެ.