މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން ކަމަށާއި، مُسْلِمُންނަކީ ޢަޤީދާއާއި ޢަމަލުން مُسْلِمُންނަށް ވާންޖެހޭ ބައެއް ކަމަށާއި، ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭބަޔަކީ މުނާފިޤުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"شَعْبَان މަހާއި ހެޔޮޢަމަލު ކުރުން" މި ،މަޢުޟޫއުގެ މައްޗަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، މައްސަރުތަކާ ރޭދުވާ ތަކުރާރުވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، شَـعْباَنމަހަށް ކަމަށާއި، މި މަސް، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަވެގެން ވާ ކަމަށެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި އެމަހަކީ، رَمَضَانމަހަށް މަރްޙަބާ ކިޔަމުން އަންނަ މަހަށްވުން ހިމެނޭ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
" شَـعْباَنމަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި، ޤުރްއާން ކިޔެވުމާއި، އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތަކެވެ. ސަވާބާއި، ރަޙްމަތުން ފުރިގެންވާ މަހަކަށް އެމަސް ވާތީއެވެ. رَمَضَانމަހަށް ތައްޔާރުވާ މަހެއްކަމުގައި އެމަސް ވާތީއެވެ. އެއީ، ރޯދައިގެ މަތިވެރިއަޅުކަމުގެ ސަބަބުން، ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާނަފްސުގެ އެދުން ތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާ ވުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ވާތީއެވެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޞިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކިމީހުންގެ ޙާލަތު ތަފާތެއް ކަން ފާހަގަކުރައްވަމުން، ހަނދާން ބަހައްޓަންވީ ކަމަކީ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަށް ކަމަށާއި، ކީރިތި މާތް ނަބިއްޔާގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތް الله ގެ حَضْرَةُ ގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ޢަމަލު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"ތިމާގެ ޢުމުރުގެ ދުވަސްތަކަކީ ކިހާދުވަހެއްކަމެއް އެއްވެސް މީހަކަށް އެނގިގެނެއްނުވެއެވެ. ނަމަވެސް ޢުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެކެވެ. އެވަގުތު އަންނާނީ ކިހިނެއް، ކޮންއިރަކު، ކޮންތާކުހުއްޓައި ކަމެއް އެއްވެސްމީހަކަށް ނޭނގެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
"ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ أَخُންނާއި أُخْتُންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން، ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައި ކަން ހަނދާންކޮށްދެއްވިއެވެ.
"މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރާށެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.
ޚިޠުބާގައި އިތުރަށް ވިދާޅުވީ، ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެެއް ކަމަށާއި، މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައި ކަމަށާއި، ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެ ކަމަށެވެ.
"އެކަން ލިޔެވިގެންދާނީ ހެޔޮނޫން ޢަމަލުތައް ލިޔެވޭ ފަތުގައެވެ. އެކަމަށް ކަނޑައެޅިފައިވާ ޖަޒާ މާތް الله އޭނާ އަށް ދެއްވާނެއެވެ! އެކަމަށް ރައްކާތެރިވުމަށް ހަނދާންކޮށްދެމެވެ! ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އަޅަމެން ސަލާމަތް ކުރައްވާނެ ކަމެކެވެ. މިފަދަ މޫސުމެއްގައި މާތް ނަބިއްޔާ ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ތަބަޢަވުމަކީ އެކަމުން އަހުރެމެންނަށް ފައިދާއާއި މަންފާ ކުރާނެ ކަމެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
رَمَضَانމަހުގެ ރޯދަހިފުމަކީ، ކޮންމެ ދުވަހަކު ކުރާ އަޅުކަމަކަށްވެފައި، އެއަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފްސު ހޭނުވުމަކީ ކޮންމެހެން ބޭނުންކަމެއް ކަަމަށާއި، އެހެން ކަމުން شَـعْباَنމަހު ސުންނަތް ރޯދަ ހިފުމަކީ، އެދެވިގެންވާ ކަމެއް ކަމަށް ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ.
"ކީރިތި ރަސޫލާގެ މާތް އަޞްޙާބުބޭކަލުންނާއި، އެބޭކަލުންނަށް ތަބަޢަވީ ބޭކަލުން، ހެޔޮޢަމަލު ކުރެއްވުން މިފަދަ ދުވަސްތަކުގައި ގިނަކުރައްވާފައި ވެއެވެ. އެބޭކަލުން ހިންގެވި މަގުން ހިނގައި، ސަވާބައި ދަރުމަ ލިބިގަތުމަށް ތިޔަބައިމީހުން އަވަސްވާށެވެ! އަޅަމެން ކުރާ ހެޔޮ ޢަމަލުގައި މާތް الله ބަރަކާތް ލައްވާށިއެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.