އެމް.އެން.ޔޫ.އެސް.ޔޫ ގެ ލީޑަރސް ނައިޓް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އަށް އަލަށް ގުޅުނު އިސްވާރުންނަށް އަމާޒުކޮށްގެން މިއަހަރު ބޭއްވި ފުރަތަމަ ލީޑަރސް ނައިޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ އިން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ރޭ އެމް.އެން.ޔޫގެ އެފް.އީ ޕީއީ ހޯލުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި 150އަށް ވުރެ ގިނަ އައު އިސްވާރުން ވަނީ ބައިވެރިވެފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެޑްވައިޒަރީ ބޯޑުގެ މެމްބަރުންގެ އިތުރުން ކުރީގެ އިސްވާރުންވެސް ވަނީ ބައިވެރިވެފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ އިން ބުނީ، މި ހަރަކާތުގައި ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީގެ މެންބަރުން ވާހަކަދައްކާފައިވާ ކަމަށާއި، އަދި ޔޫނިއަންގެ ކުރީގެ އިސްވާރުންނާއި، އެޑްވައިޒަރީ ބޯޑުގެ މެންބަރުންވެސް ވާހަކަދައްކާފައިވާ ކަމަށެވެ. އެގޮތުން، މި ވާހަކައިގައި ދަރިވަރުންގެ ޔޫނިއަންގެ މަސައްކަތްތަކާއި ޔޫނިއަންއާބެހޭ ގިނަ މަޢުލޫމާތުތައް ވަނީ ޙިއްސާކޮށްފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ މި ލީޑަރސް ނައިޓުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ދަރިވަރުންނަށް ފަހި ކޮށްދެވޭ ފުރުސަތުތަކާއި، މި ޓާމުގައި ކުރިއަށް ރޭވިފައި ހުރި ހަރަކާތްތައް ވަނީ ހިއްސާކޮށްފައެވެ.

ރޭގެ މި ޙަރަކާތުގައި ތަފާތު ކުޅިވަރުތަކުގެ އިތުރުން، ލަކީ ޑްރޯއިން ހޮވުނު ދަރިވަރުންނަށް ވަނީ އިނާމު ވެސް ހަވާލުކޮށްފައެވެ. އެގޮތުން، އޭވް، ސްކިން އެސެންޝަލްސް ބައި ރުބެލައިޓް، ލެސޫކް، މެންހަޓަން ފިޝް މާކެޓް، ޔޫރޯ މާކެޓިންގ އަދި ޕިއްޒާ ކިޗެންގެ ފަރާތުން ވަނީ މި ޙަރަކާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ އިން އައު ލީޑަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިހަރަކާތަކީ އެމް.އެން،ޔޫ.އެސް.ޔޫގެ އެކިއެކި ހަރަކާތްތައް އައު ލީޑަރުންނަށް ކިޔައިދިނުމާއި، އެމް.އެން.ޔޫ.އެސް.ޔޫގެ މެންބަރުންނާއެކު އައު ލީޑަރުން ތަފާތު މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ މަޤުސަދުގައި ބާއްވަމުން ގެންދާ ހަރަކާތެއް ކަމަށް އެ ޔުނިއަން އިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ