Saturday, 22 June 2024

ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތާ ބަޔަކަށްވުމަށް ސްކައުޓުންނަށް ނައިބު ރައީސް ނަސޭޙަތްތެރިވެ ވަޑައިގެންފި

ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިޙުތިރާމުކުރާ ބަޔަކަށްވުމަށް ސްކައުޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ނަސޭޙަތްތެރިވެ ވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުން ޤައުމު ފަޚުރުވެރިވާފަދަ ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ. އަދި ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާއިރު ޤައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ޖަމްބޮރީ ތެރޭގައި ސްކައުޓުން ހަރަކާތްތެރިވާއިރުވެސް ރިވެތި އަޚުލާޤާއި، ސުލޫކުން ނަމޫނާ ދައްކައި، އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިޙުތިރާމުކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކައުޓް ޖޮމްބޮރީ ފަދަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ލީޑަރުން ކުރައްވާ މުހިންމު، އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެބޭފުޅުން ދިވެހި މުޖުތަމަޢު ހަރުދަނާކުރުމަށް ކުރައްވާ ޚިދުމަތްތަކަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެއިން 242 ސްކައުޓުން ބައިވެރިވެއެވެ. މި ޖަމްބޮރީއަށް ލަންކާއަށް ޖަމާވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު