16 ފެބުރުވަރީ 2025
ޕީޖީ ޝަމީމް، ފައިލް ފޮޓޯ

ޕީޖީ ޝަމީމަށް ޙަމާލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށެވެ.

ޝަމީމުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޞިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން މިއަދު އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޝަމީމަށް ޙަމަލާދީފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ 2 މީހުންވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މީގެ ކުރިން ވިދާޅުވީ ޝަމީމަށް ދިން ހަމަލާގެ މައުލޫމާތު ލިބުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ވަސީލަތެއް ތަޙުޤީޤުގައި ބޭނުންކޮށްފައިވާކަމަށެވެ. މީގެ އިތުރުން މިފަދަ ހަމަލާތައް ކުރިއަށް އޮތްތަނުގައިވެސް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބައްލަވާނެކަމުގެ ޔަޤީންކަންވެސް ކޮމިޝަނަރ ވަނީ ދެއްވާފައެވެ.

ޝަމީމަށް ދިން ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދިން ހަމަލާއެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކުރައްވާފައެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މައްސަލަ ސާބިތުކޮށް އެމީހުންނަށް ދޭންވާ ހައްގު އަދަބު ދޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ޕީޖީ ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު