ވަޢުދުވި ގޮތަށް އިސްރަށްވެހިންނަށް ބަސް އިއްވުމުގެ ފުރުޞަތު ދެއްވާނެ ކަމަށާއި، އިސްރަށްވެހިން އަދާކުރި ޚިދުމަތުގެ އަގު ވަޒަންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވުމަށް އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކޮންމެ ވަޢުދެއް، ވަޢުދުވީ ގޮތަށް ފުއްދުމަކީ، އެ މަނިކުފާނުގެ ޒިންމާއެއް ކަމަށާއި، އަދި މަސައްކަތްކުރައްވަމުން ގެންދަވަނީ އެގޮތުގައި ކަމަށެވެ.
"ހަފްތާ 14 ގައި އެޗީވް ކުރަން، ހާސިލުކުރަން ކަނޑައެޅިކޮންމެ ކަމެއް، އިރާދަކުރެއްވިއްޔާ ފުރިހަމައަށް ހާސިލުވެގެންދާކަން އެއީ، އަޅުގަނޑުމެންނަށް ލިބޭ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބޭ ވަރަށްބޮޑު އުފަލެއް. އެކަމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ހަމަ ޝުކުރު ދަންނަވަން. ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް." ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ދިވެހިންގެ އަސާސްތަކުގެ މަތިން ހަނދާން ބަހައްޓަން ޖެހޭކަމަށާއި، އެގޮތުން އިސްލާމް ދީނާއި ދިވެހިބަހާއި ސަގާފަތާއި އާދަކާދަތަކަށް އޭގެ ފުރިހަމަ ގޮތުގައި އިހުތިރާމު އަދާކޮށްގެން ކުރިއަށް ދާންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި މި ހުޅުވުނު މަރުކަޒަކީވެސް މި ޤައުމީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަރުކަޒުގެ ފުރިހަމަ ބޭނުން ހިފުމަށް އިސްރަށްވެހިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެކަމަށާއި އަދި އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ މަރުކަޒުތައްވެސް މީގެ ކުރިން ހުރީ އަޅާނުލެވި ކަމަށާއި، މި ސަރުކާރުން އެކަންކަން ބަދަލުކުރަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރު ކުރިއަށްދާނީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެނޫންވެސް ހަވާސާ ވެފައިވާ ފަރާތްތަކަށް ޚާއްސަ ސަމާލުކަންދެއްވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގާނީވެސް އެފަދަ ހަވާސާވެފައިވާ ފަރާތްތަކަށް ފުރުޞަތު ދެއްވައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ގެދޮރުގެ މައްސަލަ ހައްލުކުރެވި، މުޖުތަމަޢުގައި ޤަދަރުދެވި، އިސްކަންދެވި، ފުރުޞަތު ދެވުނީމާ، ބަސް އިއްވުމުގެ ފުރުޞަތު ދެވުނީމާ، އިރާދަކުރެއްވިއްޔާ މުޖުތަމަޢަށް އަދި މުޅި ޤައުމަށް އެއިން އާރޯކަމާއި ހެވާއި ލާބަ ލިބިގެންދާނެ." ގެދޮރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވިއެވެ.