7 ފެބުރުވަރީ 2025

މަސައްކަތް ކުރަނީ "ވާރުތަވި" ދަރަންޏާ އެކީގައި ވެސް އިޤްތިސާދުގައި ބުންވަރު އިތުރު ކުރަން: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ "ވާރުތަވި" ދަރަންޏާ އެކީގައި ވެސް އިގްތިސާދުގައި ބުންވަރު އިތުރު ކުރަން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެކުނުގެ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުގައި ބޭރުގެ 120 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. އެ ދަރަންޏަކީ ކުރީގެ ސަރުކާރުގެ ފަރާތުން ވާރުތަވެފައިވާ އިޤްތިޞާދީ ހާލަތެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ.

ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ބުނެ ދައްކަމުން އަންނަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ފާހަގަކުރައްވަމުން، ރައީސް ވިދާޅުވި ގޮތުގައި 120 ބިލިއަން ދަރަނީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ކުދި ކުންފުނިތައް ބޭނުންކޮށްގެން މަސައްކަތް ކުރުވާފައި ނުދައްކާ ހުރި ބިލްތަކުގެ އަދަދު ވެސް ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ އަށް އަރައެވެ. އަދި މި ސަރުކާރުގެ މިދިޔަ ތިން މަސް ދުވަހުގެ މައިގަނޑު މަސައްކަތަކަށްވެފައި އޮތީ އެ ދަރަނިތައް ދައްކަން ފެށުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީކީ އަޅުގަނޑުމެން އައިސްގެން އަލަށް ދައްކަން ޖެހިފައި ހުރި ފައިސާއެއް ނޫން. މިއަދު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ފަރާތްތަކުން ދައްކާ ވާހަކަ، ދައްކާ ގޮތުން މި ހީވަނީ އަޅުގަނޑުމެން އައި ފަހުން ތަންތަނަށް ދައްކަން ޖެހި، ދަރާފައި ހުރި ފައިސާތަކެއް ކަމަށް. އެހެނެއް ނޫން ކަން އޮތީކީ. މި ދެންނެވި ފައިސާ ނުދައްކާ އޮތީމަ، ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައި އޮތީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނިތައް ފިލުވާލެވޭނެ އެއް ގޮތެއް އެބަ އޮތް ކަމަށާއި، އެއީ ފައިސާ ޗާޕްކޮށްގެން ދަރަނިތައް ދައްކާލުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު، ފައިސާ ޗާޕްކޮށްގެން ރާއްޖެ ވައްޓާލެވެނީ އަނދަވަޅަކަށް ކަމަށްވާތީ ސަރުކާރުން އެކަން ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދަރަނިތައް ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރުތައް ވެސް ކުރީގެ ސަރުކާރުން ވަނީ މާރުކޮށްލައިފައެވެ. އެކަމުގެ ސަބަބުން އެ ފަންޑަށް އަނެއްކާވެސް ޑޮލަރު ޖަމާ ކުރަން ފަށާފައިވާ ކަމަށާއި އަމާޒަކީ ދެ އަހަރު ފަހުން ދައްކަން ޖެހޭ ބޮޑެތި ދަރަނިތައް ދެއްކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ އިޤްތިޞާދީ ހާލަތު ވަރުގަދަކޮށް އާމްދަނީ ވަންނާނެ ގޮތް ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި އިތުރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި ނުނިމި ހުރި ރިސޯޓުތައް ނިންމޭނެ ގޮތް ފަހި ކުރުމާއި ބޮޑެތި އިންވެސްޓްމަންޓުތައް އަންނާނެ މަގުފަހި ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރައްޔިތުން މުއްސަނދިވެގެންދާ ތަން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު