ރައީސުލްޖުމްހޫރިއްޔާ ގދ. މަޑަވެލީ ރައްޔިތުންނާ ބައްދަލުކުރެއްވުން

އަބަދުވެސް ބޭނުންވާ ގޮތަކީ ރައްޔިތުން އެދިލައްވާ ގޮތަށް، އެ އަމާޒަށް މަސައްކަތްކުރުން: ރައީސް

މި ސަރުކާރުން ބޭނުންވާ ގޮތަކީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ކިބައިން އޮޅުންފިލުވައިގެން، ރައްޔިތުން އެދިލައްވާ ގޮތަށް، އެ އަމާޒަށް މަސައްކަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު ގދ. މަޑަވެލި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޑަވެލީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މަޑަވެލީގެ ތަރައްޤީއަށް ބޭނުންވެފައިވާ ވަރަށް ގިނަ ކަންކަން ކައުންސިލުން ހިއްސާ ކުރައްވާފައިވާކަން ފާހަގަކުރައްވައި، އެކަންކަން ހާސިލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން ޤައުމީ މައްސަލަތައް ނަގާފައި، ދެން އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަމުގެ ސިޔާސަތު ހާސިލުކުރުން ކަމުގައި ފާހަގަކުރައްވައި، މަޑަވެލީގެ ބިން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ދުރު ރާސްތާގައިވެސް ރަށަށް ފައިދާވާގޮތަށް ކަންކަން ކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރައްޔިތުން ބޭނުންވާ ފެންވަރުގެ ބަނދަރެއް މި ސަރުކާރުން ހަދާދެއްވާނެކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދެއްވާފައެވެ.

މަޑަވެލި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޭރުގެ ފަރާތްތަކަށް 120 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތްކަމާއި، އިތުރު ނުވަ ބިލިއަން ދައުލަތުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް ދަރާފައި އޮތްކަން ފާހަގަ ކުރެއްވިއެވެ. އަދި މި ދަތިތަކާއެކުވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، ނަތީޖާ ނެރެ، ޤައުމުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް މި ސަރުކާރުން ގަދައަޅައި މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު