ބ. ކުޑަރިކިލުގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ބ. ކުޑަރިކިލުގައި ފުލުހުން ގާއިމުވެތިބެ ޚިދުމަތް ދިނުމަށް އެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.

ކުޑަރިކިލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުޑަރިކިލު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހުއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ނޯތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ، ބ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމް އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެރަށުގެ ކައުންސިލް އިދާރާގެ އިސްވެރިންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނާއި ކުޑަރިކިލުގެ ބައެއް ރައްޔިތުން ބައިވެރިވެލެއްވިއެވެ.

ކުޑަރިކިލު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، ކުޑަރިކިލުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ފުރަތަމަ ފަހަރަށް ފުލުހުންގެ ދިދަ އުފުލައިލެވޭ ދުވަހަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށް ވިދާޅުވިއެވެ. އަދި މިރަށަކީ ނިސްބަތުން އާބާދީ މަދު ރަށެއްކަމަށާއި ކުށްމަދު އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި އަހަރެއްހައި ދުވަހުތެރޭގައި ކުޑަރިކިލުން ފުލުހުންނަށް ހުށަހަޅާފައިވަނީ ތިން މައްސަލަ ކަމަށާއި އޭގެ ތެރެއިން ކޭސްކޮށްގެން ތަހުގީގުކޮށްފައިވަނީ އެންމެ މައްސަލައެއްކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުން ދޭހަވަނީ ކުޑަރިކިއްޔަކީ އަހުވަންތަ އަދި ކުށްތަކަށް ނުހަނު ބޮޑަށް ހޭލުންތެރިވެފައިވާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި މި ފަސްއަހަރުގެ މަގުޗާޓު އެކުލަވައިލެވިގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން ކަމަށާއި އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލައި ދެމެހެއްޓެނިވި މަސައްކަތްތައް ހަރުދަނާކަމާއެކު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށާއި ރަށުގައި ފުލުހުން ގާއިމުވެ ތިބިކަން ރައްޔިތުންނަށް އިހުސާސްވާނޭ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަން ކޮށްދެއްވުމަށް ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ކުޑަރިކިލުގެ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެރަށުގައި ވެފައިވާ ތައްޔާރީތަކާއި ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތަށް މާލެއިން ދިޔަ ފުލުހުންގެ ޓީމަށް ކިޔާފައިވާ ހޫނު މަރުހަބާ ފާހަގަކުރައްވައި ކައުންސިލަށާއި ރަށުގެ ރައްޔިތުން އަދި ބ. އަތޮޅުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް ޝުކުރު ދެންނެވިއެވެ.

ކުޑަރިކިލު ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު