ރައީސް އަޒަލުކުރަން މެންބަރުންގެ އަދަދު ގުނަން ގެނައި ބަދަލު: ދެން އޮންނާނީ ސުޕްރީމު ކޯޓުގެ ޙުކުމް އިއްވުން

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ މެންބަރުން ނުލައި މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

މިމައްސަލައިގައި، މަޖިލީހުން ގަވާއިދަށް ގެނައި އިސްލާހާއެކު މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނާނެއެވެ. އެހެންވެ، މި މަޖިލީހުން ސަރުކާރާ ގުޅިވަޑައިގަންނަވަން އިސްތިއުފާ ދެއްވި ހަތް މެންބަރުން ނުލައި، މި މަޖިލީހުގައި މިހާރު ތިއްބަވަނީ 80 މެންބަރުންނެވެ.

މަޖިލީހުން އެގޮތަށް ފާސްކުރިއިރު، 49 ވަނަ މާއްދާއަށް އިތުރުކުރި ވާހަކަތައް އިތުރުކުރީ 242 ވަނަ މާއްދާއަށެވެ. އެހެންވެ، މިހާރު ގެނައި ބަދަލާ އެކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ގުނާނީ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން އާންމު އިންތިޚާބަކާ ދެމެދު ހަ މަސް ދުވަސް ނެތް ނަމައެވެ. އެއީ، ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަނެއް ބާއްވާނެތީއެވެ.

މެންބަރުން ގުނުމުގެ މައްސަލައިގައި ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ފަނޑިޔާރުންގެ ބެންޗުން ވަނީ ސުޕްރީމް ކޯޓުން މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާ ގޮތަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލަން އަމުރު ނެރުނު ފަހުން އެ އަމުރާ ހިލާފުވާ ގޮތަށް އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ސުވާލުކޮށްފައެވެ. އެހެންވެ، އެކަން ސާފުކޮށްފައި އަމުރު ނެރުނު ފަހުން ބޭއްވި ޖަލްސާތަކުގެ ޔައުމިއްޔާ ހުށަހަޅާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

މިމައްސަލަ ބެއްލެވުމަށް ކަނޑައެޅި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވީ ހުށަހަޅާ ލިޔެކިޔުންތަކާ ގުޅިގެން އިތުރު ސުވާލެއް ނެތް ނަމަ ދެން އޮންނާނީ މި މައްސަލަ ނިންމުން ކަމަށެވެ. އެހެންނަމަވެސް ފަހުން ހުށަހަޅާ ލިޔެކިޔުންތަކަށް ބެލުމަށްފަހު އިތުރު އަޑުއެހުމެއް ބާއްވަންޖެހޭ ކަމަށް ފެންނަ ނަމަ އިތުތު އަޑުއެހުމެއް ބާއްވާނެ ކަމަށް އަޒްމިރާލްދާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ މައްސަލައިގައި ހިމެނޭ މާއްދާތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ގޮތެއް ނުނިންމަނީސް އެ މާއްދާތަކަށް އަމަލުކުރުން މަޑުޖައްސައިލަން ވެސް ސިޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނު ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކުރި ފަހުން މަޖިލީހުގެ އާންމު ކޮމިޓީގެ ނިންމުމާ އެއްގޮތަށް ތަޅުމުން ވެސް ވަނީ ގަވާއިދަށް ބަދަލު ގެންނަން ފާސްކޮށްފައެވެ.

ސުޕްރީމު ކޯޓުގެ ނިންމެވުމާއެކު، މި މައްސަލަ ކުރިއަށް ގެންދަނީ ރައްދުވާ ފަރާތެއް ނެތް ގޮތަށެވެ. އެއީ، މަޖިލީސް ތަމުސީލު ކުރާ ފަރާތަކީ ވެސް މައްސަލަ ހުށަހެޅި ބަންޑާރަނައިބުގެ އޮފީހަށް ވެފައި، ރައްދުވާ ފަރާތެއް ނެތް ގޮތަށް މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ ވެސް އިއުތިރާޒެއް ނެތުމުންނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ސަރުކާރުން މަޖިލީހުގެ ގަވާއިދު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ރައީސް އާއި ނައިބު ރައީސް އަޒުލުކުރަން ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށެވެ. މަޖިލީހުގެ ގަވާއިދަށް މިގެނައި ބަދަލާއެކު އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް އަދި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އިސްލާހެއް ހުށައަޅަން އެބަ ޖެހޭ. އަލަށް އިންތިޚާބު ކުރާ ސަރުކާރެއް ވައްޓަން، ދައުރު ހަމަވާން ކައިރި ވެފަ އޮންނަ މަޖިލީހަކަށް ހުށަނޭޅޭނެ ގޮތަށް ހަދަންޖެހޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު