ރައީސުލްޖުމްހޫރިއްޔާ ގއ. ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރެއްވުން

ވިލިނގިލީގެ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އަބަދާއި އަބަދު ކުލަ ނުޖެހޭ ހުވަފެނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ވިލިނގިލީގެ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ގއ. ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިލިނގިލީގެ ތަރައްޤީއަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް މި ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުން އެދެމުންދާ ތަރައްޤީގެ ކަންކަންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ސަރަހައްދީ ތަރައްޤީއަށް އިސްކަން ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އިޤުތިޞާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތާއެކު، ކޮންމެ ރަށެއްގެ ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ ކަންކަންވެސް ކުރިއަށް ގެންދަވައި، އެކި ސަރަހައްދުތައް ތަރައްޤީ ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ސަރުކާރުގެ 20 އަހަރުދުވަހުގެ މާސްޓަރޕްލޭންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މި މާސްޓަރޕްލޭންގެ ދަށުން ތަރައްޤީކުރާ ޒޯން ނުވަތަ އަރބަން ސެންޓަރތަކުގެ ތެރޭގައި ވިލިނގިލިވެސް ހިމެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ސަރަހައްދުތައް، ފެންވަރު މަތީ ޚިދުމަތްތަކާއެކު ތަރައްޤީކުރުމުން ދުރު ރާސްތާގައި ކުދި އާބާދީތަކުން އެތަންތަނަށް އަމިއްލަ އިޚުތިޔާރުގައި ހިޖުރަކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ އާމްދަނީ އާއި އަސާސީ ޚިދުމަތްތަކަށް ބަލާއިރު ދެމެހެއްޓެނިވި ދާއިމީ ހައްލަކަށްވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަހާކަފުޅުގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތުގެ މައްޗަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ސަރުކާރަށް ވާރުތަވެފައިވާ ބޮޑު ދަރަނީގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު