12 ފެބުރުވަރީ 2025
ރައީސުލްޖުމްހޫރިއްޔާ ގއ. ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރެއްވުން

އަމިއްލަ ފައިދާއަށް އިޤްތިޞާދާ ގުޅޭ ދޮގު ވާހަކަ ނުފަތުރާ: ޖަނާހު

އަމިއްލަ ފައިދާއަށް ރާއްޖޭގެ އިޤްތިޞާދާ ގުޅޭ ދޮގު ވާހަކަތައް ނުފެތުރުމަށް ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވެއްޖެއެވެ. ޖަނާހު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގއ. ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިކަމާ ގުޅޭގޮތުން ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވީ 1990ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ އިޤްތިޞާދު މެނޭޖް ކުރަމުން އަންނަނީ އިކޮނޮމިކް މެނޭޖްމަންޓް އުޞޫލާ ޚިލާފަށްކަމަށެވެ. އަދި އިޤްތިޞާދާ ގުޅޭގޮތުން ކިތަންމެ ގިނަ އިކޮނޮމިސްޓުންނެއް ލަފާދިންނަމަވެސް އެއިރަކު ހުންނަ ވެރިއަކު ބޭނުންވާ ގޮތަށް އަމަލުކުރަމުން އަންނަކަން ޖަނާހު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދު އޮތީ އޭގެ ބުރަދަނުގައި ހިފޭވަރަށްވުރެ ބުރަ ބޮޑު ހާލަތެއްގައިކަމަށެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދު ރަނަގޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވީ ވަރުގަދަ ޓީމެއްކަމަށ ޖަނާހު ވިދާޅުވިއެވެ.

ކިތަންމެ ބައިބައިވުމެއް ނުވަތަ ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް ރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން ދޮގު ޚަބަރު ނުފެތުރުމަށް އެދިވަޑައިގަންވާކަން ފާހަގަކުރައްވަމުން އެފަދަ ޚަބަރުތަކުން އަސަރުކުރާނީ މުޅި ރާއްޖެއަށް ކަމަށް ޖަނާހު ވިދާޅުވިއެވެ.

"ރާއްޖެއަކީ ސްޓޮކް އެކްސްޗޭންޖް އޮތްތަނެއް ނޫން، ބޮޑެތި ބޭންކުތަކެއް އޮތްތަނެއް ނޫން. އަޅުގަނޑުމެންގެ ރަޙުމަތްތެރި ވިޔަފާރިވެރިން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް ލާރި ހުރިތަން ތަނުން ލާރި ހޯދައިގެން ގެނެސް މި ޤައުމު ތަރައްޤީ ކުރަމުން ދަނީ. އެހެންވީމަ ރާއްޖޭގެ އިޤްތިޞާދާ ގުޅިގެން ދައުރުކުރާ ނޭދެވޭ ޚަބަރަކީ އިންވެސްޓަރުންގެ މޭޒުމަތީގައި އޮންނާނެ އެކަން." މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވިއެވެ.

ޖަނާހް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ދިމާވެފައި އޮތް ވަރުގެ އުނދަގޫ ދަތި ޗެލެންޖެއް އެއްވެސް ރައީސްއަކަށް ދިމާވެފައެއް ނެތްކަމަށާއި، އެ އެޗެލެންޖް ކާމިޔާބު ކުރެއްވުމަށް ރައީސާއެކު މަސައްކަތް ކުރައްވާނެކަމަށެވެ.

ރައީސް އެދިވަޑައިގަންނަވަނީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ގޮތްތައް ހޯއްދަވަންކަމަށާއި މިޤައުމު އެހެން ބަޔަކަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ އިޤްތިޞާދު ދިވެހިންގެ އަތްމަތީގައި ބާއްވަންކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކުރިން ފައްކާވެފައި އޮތް އިޤްތިޞާދު ހޯއްދަވާ ދިވެހިންގެ ފައިމައްޗަށް އިޤްތިޞާދު ނަގަހައްޓަވަންކަމަށެވެ. އަދި ރައީސް ކުރައްވާ މަސައްކަތަކީ އޮޅުން ބޮޅުމުގައި އޮތް އިޤްތިޞާދު ރަނގަޅުކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތް ކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު