ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކޮވިޑް ގެ އެންމެ ދަތި ދުވަސް ވަރުވެސް މަސްވެރިން ބޭނި މަހަށް ހަފްތާއެއް ތެރޭގައި ފައިސާ ދޫކުރައްވަމުން ގެންދެވި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އިތުރުފުޅު ހައްދަވައިފިއެވެ.
ތިމަރަފުށި ދާއިރާ އިން މަޖިލީހަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް ގެ މާލެ ޖަގަހަ ހުޅުވުމުގެ ޖަލްސާގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ މުޅި ތާރީހުގައި ވެސް އައި އެންމެ ދަތި ދުވަސްވަރަކީ ކޮވިޑުގެ ދުވަސްވަރުކަމަށާއި އެ ދުވަސްވަރު، ރާއްޖޭގެ ހަޒާނާއަށް ވަންނަމުން ދިޔަ އާމްދަނީ ސުމަކަށް ދިޔައިރު ވެސް, ކުރީ ސަރުކާރުގައި މަސްވެރިން ބޭނި މަހަށް، ހަފްތާއެއް ތެރޭގައި ފައިސާ ދޫކުރައްވަމުން ގެންދިޔަ ކަމަށެވެ.
ޝާހިދު މިހެން ވިދާޅުވި ނަމަވެސް، ކޯވިޑު ދުވަސްވަރު މަސްވެރިން ކިރާމަހަށް އަގު ނުލިބިގެން އެކަމުގެ ޝަކުވާ ޢާންމުވެގެން ދިޔަ ކަން ފާހަގަކުރެވެއެވެ.
މިސަރުކާރުން އެއުޅެނީ މަސްވެރިންނަށް ދޭން ޖެހޭ ހައްގު ފައިސާ ނުދީ ކަމަށް ވިދާޅުވެ ޝާހިދު ވަނީ ސަރުކާރުން މަސްވެރިންގެ އަތުން ގަތުމަށްފަހު ވިއްކި މަހަށް ލިބުނު ފައިސާ އާއި މެދު ސުވާލު އުފައްދާފައެވެ.
ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުން މަހުގެ އަގު 25 ރުފިޔާ އަށް މަތިކުރީ ދިރާސާ ކުރަންވާ ގޮތަށް ދިރާސާ ކުރުމަށްފަހު، އޭގެ އަގު ދައުލަތުން ދެވޭނެ ގޮތާއި އެއްޗެހި ތަރުތީބު ކުރައްވާފައި ކަމަށެވެ. އަދި އިނގިރޭސި ވިލާތުންނާއި އީޔޫ އިން މަހުގެ ޑިއުޓީ ކަނޑާލަން ތައްޔާރަށް އޮތް ނަމަވެސް މި ސަރުކާރުން މަހުގެ އަގު ދަށްކުރެއްވީ ވައްޓަފާޅި އެއް ނެތި ކަންކުރާނެ ގޮތެއް ނޭނގިގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ މަސްވެރިންނަށް ހައްގު ފައިސާ ދޫކުރުމަށް މި ސަރުކާރަށް ގޮވާލައްވާފައެވެ.
"މަސްވެރިންނަށް ހައްގު ފައިސާ ދެއްވާ. އެ ދެއްވަން ޖެހޭނެ. އެއީ މަސްވެރިންގެ ހައްގެއް. ދެން މި ވިދާޅުވަނީ ބައި ބަޔަށް ދައްކަފާނަމޭ. ބައި ބަޔަށްތޯ އެ ބޭފުޅުން މަސް އެ ބައްލަވައިގަތީކީ. ހަމަ ގަނޑުކޮށް ހުރި ގޮތަށޭ. އެއްކިބަ ގަތްފަ އަނެއް ކިބަ މާދަމާ އެއްނޫނޭ ބައްލަވައިގަތީ. ހަމަ މަސް އޮތް ގޮތަށް. އެހެންވީމަ ފައިސާ ވެސް ދެއްވަން ޖެހޭނީ، އެމީހުންގެ ހައްގު ފައިސާ ވެސް ދޫކުރަން ޖެހޭނީ ހަމަ އެގޮތަށް." ޝާހިދު ވިދާޅުވިއެވެ.
އިންތިޚާބަކާ ނުލައި އެމްޑީޕީގެ ރައީސް ކަމާ ޙަވާލުވެވަޑައިގެން ސަރުކާރަށް ރައްދުދެއްވަމުން ގެންދަވާ ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވަނީ ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ނުދީ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށާއި، އޭގެ ތެރެއިން މިހާރު 422 މިލިއަން ވާނީ ދޫކޮށްފައިކަމަށް ވިދާޅުވެފައެވެ. އަދި މިި ރުފިޔާ އިން ބާކީ ދޫނުކޮށް 270 މިލިއަން ރުފިޔާ ހުރި ކަމަށާއި، މި ބެކްލޮގް ފިލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިހާރު އޮތް ބެކްލޮގް ފިލުވާލައި މާޗު މަހުން ފެށިގެން ބަރާބަރަށް ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރުން މަހުގެ އަގު 20 ރުފިޔާ އަށް ދަށްކުރީ މަސްވެރިންނާއި މިފްކޯ ސަލާމަތުން ބޭއްވުމަށް ކަމަށެވެ. ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާ ކަމަށާއި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ. މަސްގަންނަ އަގަށް މި ބަދަލު ގެނެސްގެން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޑރ.މުއިއްޒު ވެސް ވަނީ ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާވެސް އަވަހަށް ޚަލާސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދިނުމާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ގއ.ކޫއްޑޫގައި މަސްވެރިން ވަނީ އިހުތިތާޖު ވެސް ކޮށްފައެވެ. އިހުތިޖާޖު މަސްވެރިންނާއި ބައްދަލުކުރެއްވުމަށްޓަކައި މިނިސްޓަރު ޝިޔާމް އެރަށަށް ވަޑައިގެންފައިވާއިރު، އެބޭފުޅާ ވަނީ މަހުގެ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް، ހަފްތާއެއް ތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމުގައި ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ދޮގުހެދުމަށް އާދަވެފާހުރިމީހަކަށް ތެދެއްނުހެދޭނެ ކާޕެޓްވަގު ޝާހިދަކީ ދޮގުހަދަން އާދަވެފަހުރިއަދިކަށީގަ ހަރުލާފަހުރި މީހެއް