18 ޖަނަވަރީ 2025
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް، ފައިލް ފޮޓޯ

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި 35000 ރުފިޔާއިން މަތީގެ ޚަރަދު ނުކުރަން އަންގައިފި

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ އެއްވެސް އިދާރާއަކުން 35،000 ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އަންގައިފިއެވެ. ސަރުކާރުގެ އިދާރާތަކަށް މިގޮތަށް އަންގާފައިވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުއްވި މާލިއްޔަތާބެހޭ ސާކިއުލާގައެވެ.

ފިނޭންސް މިނިސްޓްރީން ނެރުއްވި ސަރކިއުލާގައި ވަނީ، ފިނޭންސް މިނިސްޓްރީގެ ހުއްދައަކާއި ނުލައި ދައުލަތުގެ ބަޖެޓުން ހަރަދުކުރާގޮތަށް އެއްވެސް އައު މަގާމެއް ނުއުފެއްދުމާއި، ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް އެދިފައެވެ. މީގެއިތުރުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދިނުމަށްވެސް ވަނީ އަންގާފައެވެ.

ހަމައެހެންމެ، ސަރުކާރުގެ ވުޒާރާތަކުގެ ދަތުރުގެ ޙަރަދުތަކާއި، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާތަކެތި އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ޙަރަދާއި، ތަމްރީން ކުރުމަށް ކުރެވޭ ޙަރަދާއި، ކެޕިޓަލް އަދި ޕީއެސްއައިޕީއަށް ކުރާ ޙަރަދުތައްވެސް ކުޑަކުރުމަށް ވަނީ އަންގާފައެވެ.

މިހުރިހާ ކަންކަމަކަށް ކޮންމެހެން ކުރަންޖެހޭ ޙަރަދެއް ފިޔަވައި އެހެން ޙަރަދުތައް މަޑުޖައްސާލުމަށާއި، 35،000 ރުފިޔާއަށްވުރެ ކުޑަ ޙަރަދުތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސަރވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކްޓިވްގެ ހުއްދައާއިއެކު ކުރިއަށްގެންދިއުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. މީގެއިތުރުން 35،000 ރުފިޔާއިން އިން މަތީގެ ޙަރަދުތައް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ހުރިހާ އިދާރާތަކަކުން މި ސަރކިއުލާއަށް އަމަލުކުރުމަށް އަންގާފައެވެ. އަދި ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމަށާއި، ހަރަދުތައް ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައި، ހަރަދުތަކުގެ އެފިޝެންސީ އިތުރު ކުރުމަށް ސަމާލުކަން ދިނުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު