"ފުރަބަންދު" މި ބަސް ގިނަ ބަޔަކަށް އެނގެންފެށީވެސް ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަން ކޯވިޑް-19ގެ ސަބަބުންނެވެ. މި ނުރައްކާތެރި ބަލިމަޑުކަމަކީ މިނާފަށެއް ކަނޑައިގެން ދިޔުމުން މިނާފުށްތައް ރާސްލާފައި ފައިބައިގަންނަފަދައިން އެއް އިންސާނެއްގެ ގައިން އަނެކާގެ ގަޔަށް އަރާ ވައިރަސްއަކުން ފެތުރުނު ބަލިމަޑުކަމެކެވެ. އެ ކުޑަކުޑަ ވައިރަސް ވަނީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް ދުނިޔޭގެ ބޮޑަތި ޤައުމުތަކުގެ އިސްވެރިން ކުޑަކަކޫޖަހުވާފައެވެ.
އެގޮތުން މި ބަލި އެންމެ ފުރަތަމަ ފާޅުވީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. ފުރަތަމަ މީސް މީޑިއާ އާއި ނޫސްތަކުގައި މި ބަލިމަޑުކަމުގެ ވާހަކަ ފެތުރެންފެށީ ވޫހާން ވައިރަސްގެ ނަމުގައެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި ލޮލަށް ނުފެންނަ މި ކުޑަކުޑަ ވައިރަސް ވަނީ ދުނިޔޭގެ ހަތަރު ބިތަށް ފެތުރިފައެވެ.
ހަތަރު ބީރުން ވާހަކަ ދައްކާހެން މި ބަލީގެ ވާހަކަ އެކި ގޮތްގޮތަށް އެކި ޤައުމުތަކުގައި ފެތުރިގެން ދިޔައިރު ވަރަށް ގިނަ ޤައުމުތަކުންވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ޗައިނާއިން އެ ޤައުމުގައި ފުރަބަންދެއް ޢިއުލާނުކުރީ ކުއްލި ސިއްޙީ ނުރައްކަލުގެ ނޯޓިސް އާއި އެކުއެވެ. ދެން އެއާ ވިދިގެން ގިނަ ޤައުމުތަކަކުން ދިޔައީ ފުރަބަންދަކަށެވެ.
ކުށްލިއަކަށް އަޅުގަނޑުމެން ދިވެހިންގެ ކަންފަތްތަކަށް ބިޔަ ރާޅެއް ބިންދާލިހެން އިވެން ފެށީ ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކޮށް މުޅި ގައުމު ފުރަބަންދުކުރި އަޑެވެ. ސުލްހައާއި އެއްބައިވަންތަ ކަމާއެކު މީހުން ދިރިއުޅޭ މި ކުޑަކުޑަ ޖަޒީރާ ގައުމު ތަޅުލެވުނެވެ. އަޅުގަނޑުމެންގެ ޖޯލިފަތިތަކާއި ހޮޅުއަށިތައް ފަޅުވެގެންދިޔައެވެ. ކެފޭ ރެސްޓޯރެންޓުތަކާއި ކުޅިވަރުދަނޑުތަކުގައި ބޮޑު ތަޅުއެޅުވުނެވެ.
އެ ކުޑަކުޑަ ކޮރޯނާ ވައިރަސް އައިސް އަޅުގަނޑުމެންނާ ބައްދަލު ކުރީ އަޅުގަނޑުމެން ދުވަހަކުވެސް ފަހުގެ ތާރީހެއްގައި ހަޔާތް ބަދަލު ނުވާވަރުގެ ބަދަލަކާއެކުއެވެ. އެތައް ބަޔަކަށް ބުނަން ނޭނގޭ ކަހަލަ އިހުސާސްތަކަކާއި އެކު ތިބިތަނެއްގައި ހައްޔަރުވެވުނެވެ. އެތައްބައެއްގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. އެކިމީހުންގެ މިސްރާބު ބަދަލުވެ ދާން ބޭނުންވި މަންޒިލްތަކަށް ވާސިލްނުވެ ވިސްނުމުގައިވެސް މަޑުކުރުމެއް ނެތް މަންޒިލްތަކުގައި ހަރުލިއެވެ.
ޕިކްނިކް ދަތުރުތަކާއި، ވިޔަފާރީގެ ދަތުރުތަކާއި ޗުއްޓީދަތުރުތައް ރާވަމުންދަނިކޮށް އެ ދަތުރުތަކަށް ބިންދާލީ ކޯވިޑްގެ ފުރަތަމަ ރާޅެވެ. މި ރާޅާ އެކު އަޅުގަނޑުމެން ދުވަހަކުވެސް ތަހައްމަލް ކުރަން ނުޖެހޭ ފަދަ ދަތި އުނދަގޫތަކަކާ ކުރިމަތިލާންޖެހުނެވެ. ކިޔަވާކުދިންގެ ކިޔެވުން މެދުކެނޑި ވަޒީފާތަކަށް ނުކުންނަ މުވައްޒަފުންގެ މަސައްކަތްތައް ހުއްޓި ވުޒާރާތަކާ ސަރުކާރުގެ އިދާރާތަކުގެ ގޮނޑިތައްވަނީ ހުސްވެފައެވެ. ބޯހިޔާވަހިކަމުގެ ދަތި އުނދަގޫ އޮތް ތޮއްޖެހިފައިވާ ކޮންކުރިޓް ޖަންގަލި މި މާލޭ ސިޓީގެ މަގުތައް ހުސްވެ ގެތައްވަނީ ފުރިގެން ބަންޑުންވާ ހިސާބުގައެވެ.
މާލޭގައި ދިރިއުޅެމުންދާ އެންމެންނަކީ އެންމެ ފުދިގެން ދިރިއުޅެމުންދާ މީހުން ނޫން ކަމުން ބައެއް ގެތަކުގައި ދިހަ ބާރަ މީހުން ދިރިއުޅެމުންދަނީ އަލިފާންފޮށްޓެއްގެ ޖާގައިގައެވެ. އެއްބަޔަކު ނިދާއިރު އަނެއްބަޔަކު ތިބެންޖެހެނީ ހޭލައެވެ. މާލޭގައި ވަޒީފާއަދާ ކުރާ ޒުވާނުން ގިނައިން ކައި ބޮއެ އުޅެނީ ހޮޓާ ރެސްޓޯރެންޓު ތަކުނެްނެވެ. ކޯވިޑްގެ ސަބަބުން އެ ތަންތަން ބަންދުކުރުމުން އެކުދިންގެ ކެއިން ބުއިމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. ވިޔަފާރި ގެތަކަށް މީހުން ވަނުން ހުއްޓި ވިޔަފާރި ގެތަކުން ޑެލިވެރީގެ އިންތިޒާމު ހަމަޖައްސަން ޖެހުމުން ވިޔަފާރި ކުރާ ފަރާތްކަށާއި ވިޔަފާރިގެތަކަށް ބޮޑަތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ޑެލިވެރީތައް އިންތިހާއަށް ގިނަވުމުގެ ނަތީޖާއަކަށްވީ އަޅުގަނޑުމެން ބޭނުންވާ ވަގުތުގައި ބޭނުންވާ ތަކެތި ނުލިބުމެވެ.
އެކިއެކި ތަންތަނުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންނަށް ޖެހުނީ މަސައްކަތްތައް ގޭގައި ތިބެގެން ކުރާށެވެ. އަނެއްބަޔަކަށް ޖެހުނީ މުސާރަ ނުހިނގާ ގޮތައް ގޭގައި މަޑުކޮށްލާށެވެ. އޭގެތެރެއިންވެސް ރިޒޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޖެހުނީ އެތައް ޤުރުބާނީއެއްވާށެވެ. އެއްބަޔަކު އެމީހުންގެ އަނބިދަރިން ހަމަ ލޮލަށް ނުފެނި އެތައް ދުވަސްތަކެއް ގުނާލަ ގުނާލާ ތިއްބެވެ. ފުރަބަންދު ނިމޭނެ ދުވަހެއްގެ އިންތިޒާރެއްގައެވެ.