ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “އަހާ” ޕްރޮގްރާމުގައި

އިޤްތިޞާދީ މުހިއްމު ބަދަލުތަކާއެކު މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް

އިޤްތިޞާދު ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތާއެކު މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވަވައި 'އަހާ' ސިލްސިލާގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވީ ބޭރުގެ ދަރަނީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަރަނިވެސް ވަރަށް ބޮޑުވެފައިވާ ހާލަތެއްގައިކަމަށެވެ. އެހެންކަމުން އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތްކުރަންޖެހެނީ ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނިވެސް ދައްކަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޤްތިޞާދުކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެގޮތުން އެޅި އެންމެ މުހިއްމު ފިޔަވަޅަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އައިއެމްއެފްއިންވެސް ފާހަގަކުރި، ވޯލްޑް ބެންކުންވެސް ފާހަގަކުރި، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް އެހެން ޤައުމަކުން ކުރަން ކެރޭނެ ކަމެއް ނޫނޭ، ނަމަވެސް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތޭ. ރާއްޖެއިން އެކަން ކުރީތީ އެ ބޭފުޅުން ފާހަގަކުރައްވައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދު ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެތައްކަމެއް ސަރުކާރުން ދަނީ ކުރަމުންކަމަށާއި، އޭގެ ތެރެއިން އިޤްތިޞާދީ ސިނާއަތްތައް ކުރިއެރުވުމަށްވެސް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތްތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް އަންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފައިނޭންސިން ދާއިރާއާއި ހަކަތައިގެ ދާއިރާއިން އިތުރު އިންވެސްޓްމަންޓްތައް ޤާއިމްކުރުމަށް ދަނީ މަސައްކަތްކުރަމުން. ސްޕެޝަލް އިކޮނޮމިކް ޒޯނަށް 110 މެގަވޮޓްގެ އިންވެސްޓްމަންޓެއް ވަނީ ލިބިފައި ވަަރަށް އަވަަހަށް އެ އެއްބަސްވުމުގައި ސޮއިކޮށްފައި. އަދި ސަރުކާރުން މިހާރު ކުރަމުންްދާ މަސައްކަތާއެކު ޑޮލަރުގެ މައްސަލައާއި އިޤްތިޞާދު ހަރުދަނާކުރުމުގެ މައްސަލައަށް ހައްލު އަންނާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އަނދަވަޅެއްގައި އޮތްނަމަވެސް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ތައުރީފްކޮށްފައެވެ. އަދި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތާއެކު ރާއްޖޭގެ އިޤްތިޞާދަށް 5 އިންސައްތައަށްވުރެ ބޮޑު ކުރިއެރުމެއް އަންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު