އިސްރާއީލުގެ އިސްތިއުމާރީން ޣައްޒާގައި ކުރަމުން ދަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމެއް ކަމަށް، ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ހޮނިހިރު ދުވަހު ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރީން ޣައްޒާގައި ކުރަމުންދާ ކަންކަމަކީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ނަސްލު ނައްތާލުމެއް ކަމަށެވެ.
މިއީ ލޫލާ މިފަދައިން ވިދާޅުވި ފުރަތަމަ ފަހަރެއްވެސް ނޫނެވެ.
"އިސްރާއީލު ސަރުކާރުން ކުރަމުންދާ ކަމަކީ ހަނގުރާމައެއް ނޫން، އެއީ ނަސްލު ނައްތާލުން. ކުޑަކުދިންނާއި އަންހެނުން މަރާލަނީ،" އެކްސްގައި އޭނާގެ އެކައުންޓުގައި ލިޔެފައިވެއެވެ.
މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލެއް ކަމަށާއި، އެއީ ހިޓްލަރުގެ އަމަލުތަކާ އެއްގޮތަށް ހިނގަމުންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ، އިސްރާއީލުގައި ހުންނަ ބުރެޒިލުގެ ސަފީރު އަނބުރާ ޤައުމަށް ގެނައުމަށް ނިންމަވާފައިވާ ކަން ބްރެޒިލްގެ ފޮރިން މިނިސްޓްރީން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެޑިސް އަބަބާގައި ބޭއްވި އެފްރިކަން ޔޫނިއަންގެ ސަމިޓެއްގައި ބްރެޒިލްގެ ރައީސް ވިދާޅުވީ ޣައްޒާގައި ހިނގަމުންދަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ނަސްލު ނައްތާލުމެއް ކަމަށާއި އިސްރާއީލުގެ ސިފައިން ޢުދުވާން ހިންގަމުންދަނީީ ފަލަސްޠީނުގެ ސިފައިންނާ ދެކޮޅަށް ނޫން ކަމަށާއި އެއީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައެވެ.