29 އެޕްރީލް 2025

ސަރުކާރުގެ ތާޢީދު އޮތް ކެންޑިޑޭޓަކީ އައްބާސް ކަން ކަށަވަރުވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީއޭއިން ވެލިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް، އެމްޑީއޭގެ ޤައުމީ ކައުންސިލް މެންބަރު މުޙައްމަދު އައްބާސް އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަދި ސަރުކާރު ވެސް ފުރިހަމައަށް ތާޢީދު ކުރާ ކެންޑިޑޭޓް ކަން ކަށަވަރުވެއްޖެއެވެ.

ސީދާ ރައީސްއާ ސުވާލު ކުރެވޭގޮތަށް ކުރިއަށް ގެންދިޔަ 'އަހާ' ޕަބްލިކް ފޯރަމްގައި، ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕާޓީން ޑިމޮކްރެޓިކް އުސޫލުން ކެންޑިޑޭޓަކު ހޮވާފައި ހުއްޓައި ރައީސްގެ ފޮޓޯ ޖަހައިގެން އިތުރު ކެންޑިޑޭޓަކު ނިކުމެގެން އުޅޭ ކަމަށް ބުނެ، ޒުވާނަކު ރައީސްއާ ސުވާލުކޮށްފައިވެއެވެ.

"ޕާޓީ ނުވަތަ ސަރުކާރަށް ނިސްބަތް ނުވާ އެހެން ކެންޑިޑޭޓަކު ރައީސްގެ ފޮޓޯ ޖައްސަވައިގެން ރައީސްގެ ފުރިހަމަ ތާޢީދު އޮތް ކަމަށް މެންބަރުންނަށާއި ރައްޔިތުންނަށް އަންގަމުން ދާތީ, ތިން ރަށުގެ މީހުންގެ މިހަކާ މެދު ހިޔާލު ތަފާތުވުމާއި ނުތަނަވަސްކަން އެބަ އޮތް. މިކަމާ މެދު ރައީސް ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ" ޒުވާނަކު ސުވާލު ކުރިއެވެ. އެނގިފައިވާ ގޮތުގައި، އެ ޒުވާނާ އަކީ ވެލިދޫ ދާއިރާގެ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތުގެ ކޮއްކޮއެކެވެ.

ޕްރައިމަރީން ހޮވި ކެންޑިޑޭޓަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެތޯ ވެސް އޭނާ ވަނީ ސުވާލުކޮށްފައެވެ.

ނަމަވެސް އެއީ ޕާޓީގެ އެތެރޭގެ އަދި ރޭގެ މައުޟޫޢުއާ ނުގުޅޭ ކަމަކަަށް ވާތީ ޖަވާބު ދެއްވުމަށް ރައީސް އުޒުރުވެރިވެވަޑައިގެންނެވިއެވެ.

"މިރޭގެ މި ފޯރަމްގެ މައިގަނޑު މައުޟޫޢާ ނުގުޅޭ, ޕާޓީގެ އެތެރޭގެ ކަމެއް ވީމަ ތި ކޭސް ވަކިން އަޅުގަނޑާ ހިއްސާ ކޮށްލަ ދިނިއްޔާ ވަރަށް ރަނގަޅު" ރައީސް އޭނާގެ ސުވާލުގެ ޖަވާބުގައި ވިދާޅުވިއެވެ.

ކެންޑިޑޭޓުގެ ފަރާތުން ސަރުކާރު ކެންޑިޑޭޓު ވަކިނުވެގެން ރައީސްއާ ސުވާލުކުރިއިރު، މުޙައްމަދު އައްބާސްއަކީ ވެލިދޫ ދާއިރާއަށް ނިކުންނަވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ސަރުކާރާއި ރައީސް މުޢިއްޒުގެ ފުރިހަމަ ތާޢީދު ލިބިވަޑައިގެންފައިވާ ކެންޑިޓޭޓުކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އަދި ކެންޑިޑޭޓަކަށް ނިސްބަތްވާ ފަރާތަކުން އެފަދަ ސުވާލެއް ކުރުމުން، ސަރުކާރު ހިންގާ ޕާޓީގެ ޓިކެޓް، އޭނާއަށް ދެމެހެއްޓުމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. އަދި އެކަށީގެންވާ ގޮތެއްގައި ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން އެ ކެންޑިޑޭޓަކަށް ތާޢީދު ނުކުރާކަންވެސް އެނގި ހާމަވެއެވެ.

މިކަން މިމަގުން ހިނގާއިރު، މާޒީގައި ކަންކުރެވުނު ގޮތަކުން، ކެންޑިޑޭޓަކާ މެދު އޮންނަ އިތުބާރު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެ ވަގުތަކު ޤާއިމުވެފައިވާ ސަރުކާރަކަށް ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭނެހެން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތަކަށް، އެ ސަރުކާރަކުން މަސައްކަތް ކުރާނެ ކަމީވެސް ސިޔާސީ ޙަޤީޤަތެކެވެ.

މީގެކުރިން 2013 ވަނަ އަހަރު ޤާއިމުކުރެވުނު ޕީޕީއެމްގެ ވެރިކަމުގައިވެސް މި ހަމައިން އެތައް ކަމެއް، 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

ރައްޔިތުންގެ މީހާގެ ގޮތުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ އައްބާސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނާ މި ސަރުކާރަށް ފުރިހަަމަ އެއްބާރުލުން ދެއްވާނެ ކަމަށާާއި، އަދި ސަރުކާރު ދެމެހެއްޓުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުުރުބާނީއެއްވެސް ވެވަޑައިގަންވާނެ ކަމަށެވެ.

މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތާޢީދު، އޭނާއަށް އޮތްކަމަށް ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު