Tuesday, 18 June 2024
ޗާގޯސްގެ ރައްޔިތުން ދައްކުވާދޭ މަންޒަރެއް އާޓިކަލްއެއްގެ

ތާރީޚީ ނަޒަރަކުން ޗާގޯސްއާއި ޗާގޯސްގެ ވަޒަންވެރީންނާމެދު ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާލުން!

މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރަބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި، ދިވެހިރާއްޖެއާއި ޗާގޯސްގެ އީއީޒެޑް އިން ފުށުއަރާ ސަރަޙައްދުގެ މައްސަލައާގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ގިނަވާހަކަތަކެއްވަނީ ދެކެވިފައެވެ. ޚާއްޞަކޮށް ފާއިތުވެ ދިޔަ 2023 ވަނަ އަހަރު، އިޓްލޮސް އިން އެ މައްސަލަ ނިންމެވުމުން އެ ނިންމެވުމާގުޅޭގޮތުންނާއި، ޗާގޯސްއާބެހޭގޮތުން ވަރަށް ގިނަ ބަޙުޞްތަކެއްކުރެވި ސިޔާސީ އެކިއެކި ފޯރަމްތަކުގައިވެސް މައްސަލައާގުޅޭގޮތުން ޚިޔާލު ބަދަލުކުރެވިފައިވެއެވެ.  އެހެންނަމަވެސް އިސްތިޢުމާރީ ބާރު ތަކެއްގެ ދަށުގައި މޮރިޝަސް އޮތްއިރު، ޗާގޯސްގެ ޙާލަތާއި އެތަނުގެ ވަޒަންވެރީންނަށް ވަޒަނުން ބޭރުވާންޖެހުނުގޮތާއި، ޗާގޯސްގެ ވަޒަންވެރީންނަށް ވީގޮތާއި، ޗާގޯސްގެ ވަޒަންވެރީން އެ މީހުންގެ ޙައްޤުހޯދުމަށް ކުރި މަސައްކަތް މީ އަޑުއިވުނު ވާހަކަތަކެއް ނޫނެވެ.

މި ލިޔުމުގައި އަލިއަޅުވާލާފައިވާނީ ފްރާންސް އަދި އިނިގިރޭސިވިލާތުގެ އިސްތިޢުމާރީ ބާރުގެ ދަށުގައި މޮރިޝަސް އޮތްއިރު ޗާގޯސްގެ ޙާލަތާއި، ޗާގޯސްގެ ވަޒަންވެރީންގެ ޙައްޤުތަކެއް ނިގުޅައިގަނެވުނުގޮތާއި، ޗާގޯސްގެ ވަޒަންވެރީން ޗާގޯސްއަށް އެނބުރި ދިއުމަށް ކުރި މަސައްކަތްތަކަށާއި، އެކަމާގުޅޭގޮތުން އިނގިރޭސިވިލާތުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަންއަށްވެސް އަލިއަޅުވާލާފައިވާނެއެވެ.

ތާރީޚީ ނަޒަރަކުން ޗާގޯސްއާއި ޗާގޯސްގެ ވަޒަންވެރީންނަށް ބަލާލުން

1814 ވަނަ އަހަރު، ޗާގޯސްގެ ރަށްތައްވެސް ހިމެނޭހެން މޮރިޝަސް އޮތީ ފްރާންސްގެ އިސްތިޢުމާރީ ބާރުގެ ދަށުގައެވެ. ޗާގޯސް ގެ ރަށްތައް މޮރިޝަސްއާއި ވަކީން އޮތް ނަމަވެސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ފްރާންސްއިންވެސް ބަލަމުންގޮސްފައިވެއެވެ. 1814 ވަނަ އަހަރު ފްރާންސްއިން މޮރިޝަސް، އިނގިރޭސިވިލާތުގެ އިސްތިޢުމާރީ ބާރުގެ ދަށަށް  ދޫކޮށްލުމުން، 1965 ވަނަ އަހަރާ ހަމައަށް އެތަން އޮތީ އިނގިރޭސި ވިލާތުގެ އިސްތިޢުމާރީ ބާރުގެ ދަށުގައެވެ. 1965 ވަނަ އަހަރު ބްރިޓިޝް އިންޑިއަން އޯޝަންސް ޓެރިޓަރީ އުފެއްދުމަށްޓަކައި ޗާގޯސްގެ ރަށްތައް މޮރިޝަސްއިން ވަކިކޮށްފައިވެއެވެ. މިކަން މިގޮތަށް ކޮށްފައިވަނީ އިނގިރޭސިވިލާތުން ބުނާގޮތުން މޮރިޝަސްއިން އެގޮތަށް އެއްބަސްވެގެންނެވެ. 1965 ވަނަ އަހަރު  އެމެރިކާއިން ޗާގޯސްގެ ރަށެއްކަމުގައިވާ ޑީއޭގޯ ގާސިއާގައި މިލިޓަރީ ބޭސް އެއް ޤާއިމްކޮށްފައިވެއެވެ.

12 މާރިޗް 1968 ގައި އިނގިރޭސިވިލާތުގެ ބާރުގެ ދަށުން މޮރިޝަސް ވަކިވެ، މިނިވަންކަން ލިބިފައިވެއެވެ. 1968 ވަނަ އަހަރާއި 1971 ވަނަ އަހަރާ ދެމެދު ޗާގޯސްގެ ރަށްތަކުގެ ވަޒަންވެރީން ޗާގޯސް ދޫކޮށް ދިއުމަށް އެންގުމާގުޅިގެން ޗާގޯސްގެ ވަޒަންވެރީން މޮރިޝަސް، ސީޝެލްސް އަދި އިނގިރޭސިވިލާތަށް ގޮސް އެޤައުމުތަކުގައި ވަޒަންވެރިވެފައިވެއެވެ.

އެއާއެކު 1970 ވަނަ އަހަރުން ފެށިގެން ޗާގޯސްގެ ވަޒަންވެރީން، (ޑިއޭގޯ ގާސިއާގެ ރައްޔިތުންވެސް ހިމެނޭހެން) އެނބުރި ޤައުމަށް ދިއުމަށް މަސައްކަތް ފަށައި، އަމިއްލަ ވަޒަނަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައި ޗާގޯސްގެ ރައްޔިތުން އެ މީހުންގެ ޙައްޤުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

1998 ވަނަ އަހަރު، ޗާގޯސްގެ ވަޒަންވެރީން އެނބުރި ވަޒަނަށް ދިއުމަށްޓަކައި، އިނގިރޭސިވިލާތުގެ ޑިވިޝަނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލައާގުޅިގެން، 2001 ވަނަ އަހަރު ޑިވިޝަނަލް ކޯޓުގެ ޙުކުމާއެކު އޭރުގެ އިނގިރޭސި ވިލާތުގެ ލޭބަރ ޕާޓީގެ ސަރުކާރުން ޗާގޯސްގެ ރައްޔިތުން އެނބުރި ޤައުމަށް ދިއުމުގެ ޙައްޤު ދޭން ނިންމަވާފައިވެއެވެ. އެހެންނަމަވެސް 2004 ވަނަ އަހަރު ބްރިޓިޝް އިންޑިއަން އޯޝަންސް ޓެރިޓަރީ އިން އެކަމަށް ދެކޮޅު ހަދައި ކޮންސްޓިޓިއުޝަންގައި ޗާގޯސްގެ ރައްޔިތުން ޗާގޯސްގައި ދިރިއުޅުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައިވެއެވެ.

ހަމަ އެއަހަރު (2004 ވަނަ އަހަރު) ބްރިޓިޝް އިންޑިއަން އޯޝަންސް ޓެރިޓަރީން ޙަވާލާދިން ޤާނޫނުއަސާސީގެ ސައްޙަކަމާމެދު ސުވާލު އުފައްދައި ޗާގޯސްގެ ރައްޔިތުން އިނގިރޭސިވިލާތުގެ ޑިވިޝަނަލް ކޯޓަށް ގޮސްފައިވެއެވެ. 2006 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޑިވިޝަނަލް ކޯޓުން ޗާގޯސްގެ ރައްޔިތުންނާ އެއްކޮޅަށް މައްސަލަ ނިންމަވާފައިވެއެވެ. އަދި 2007 ވަނަ އަހަރު ކޯޓް އޮފް އެޕީލްއިންވެސް  ޗާގޯސިއަންއަށް ކާމިޔާބުވެ، އަނެއްކާވެސް ޗާގޯސްއަށް ދިއުމުގެ މަގު ފަހިވެފައިވެއެވެ. އެހެންނަމަވެސް ޑިވިޝަނަލް ކޯޓާއި، ކޯޓް އޮފް އެޕީލްގެ ނިންމުން 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސް އިން ބަދަލުކުރައްވައި  ޗާގޯސްގެ ރައްޔިތުންނާ ދެކޮޅަށް ނިންމާފައިވެއެވެ. އަދި 29 ޖޫން 2016 ދުވަހު، ހައުސް އޮފް ލޯޑްސް ގެ ޑިސިޝަން އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުން ދަމަހައްޓަވާފައިވެއެވެ. މިކަމުގެ ސަބަބުން ޗާގޯސްގެ ރައްޔިތުންނަށް އެ ޤައުމަށް ދިއުމުގެ ފުރުޞަތު އަނެއްކާވެސް ގެއްލިގެން ދިޔައެވެ. 2016 ވަނަ އަހަރުގެ ނޮވެންބަރު މަހު ޑިފެންސް އަދި ސެކިއުރިޓީ ސަބަބުތަކަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސްގެ ރައްޔިތުން ޗާގޯސްގައި ރީސެޓްލްވުމަށް ދެކޮޅުހަދައި އެކަން ރަސްމީކޮށް އިޢުލާނުކޮށްފައިވެއެވެ.

1 އެޕްރީލް 2010 ގައި އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތަކުގެ ވަށައިގެން ޤާއިމްކުރި މެރިން ޕްރޮޓެކްޓެޑް އޭރިއާގެ  މައްސަލައިގައިވެސް، އިނގިރޭސި ވިލާތުގެ ކޯޓުތަކަށް އިނގިރޭސިވިލާތުގައި ދިރިއުޅޭ ޗާގޯސްގެ ރައްޔިތުން މައްސަލައެއް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އިނގިރޭސި ވިލާތުގެ ކޯޓުތަކުގެ ހުރިހާ މަރުޙަލާއަކުންވެސް ޗާގޯސިއަންސްއަށް ނާކާމިޔާބު ވެފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި މޮރިޝަސްއިންވެސް ކެނޑިނޭޅި ޗާގޯސް ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ. 1968 ވަނަ އަހަރު މޮރިޝަސް އިނގިރޭސިވިލާތުގެ އަތްދަށުން މިނިވަންވިނަމަވެސް، ޗާގޯސްއަކީވެސް މޮރިޝަސްގެ ބައެއްކަމަށާއި، ޗާގޯސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތުމުން  ފުރިހަމަ މިނިވަންކަން މޮރިޝަސްއަށް ލިބިފައިނުވާކަމަށާއި، (ޑީކޮލޮނައިޒޭޝަން ޕްރޮސެސް ފުރިހަމަވެފައިނުވާކަމަށާއި) ޗާގޯސްގެ ޙަޤީޤީ ސިޔާދަތީ ބާރު އޮތީ Legitimate Sovereignty)) މޮރިޝަސްއަށް ކަމަށް މޮރިޝަސްއިން ދިއައީ ބުނަމުންނެވެ. އެގޮތުން، 9 އޮކްޓޫބަރު 1980 ދުވަހު މޮރިޝަސްގެ ބޮޑުވަޒީރު ރަސްމީ ސިފައެއްގައި  ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެޕްބަލީގައި ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

22 ޖޫން 2017 ގައި ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީ (ޔޫ.އެން.ޖީ.އޭ) އިން ޗާގޯސްގެ ރަށްތަކާގުޅޭގޮތުން، ރިޒޮލިއުޝަނެއްފާސްކޮށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަކަށް އެދިފައިވެއެވެ. މި ހުށަހެޅުމުގައި އެދިފައިވަނީ، 1968 ވަނަ އަހަރު މޮރިޝަސް އަށް މިނިވަންކަން ލިބުނު އިރު ޗާގޯސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، މޮރިޝަސްއާ ވަކިން އޮތުމުން، ޤާނޫނީ ގޮތުން ޑީ ކޮލޮނައިޒޭޝަން ޕްރޮސެސް ފުރިހަމަ ވީތޯއާއި، ޗާގޯސް  ބަލަހައްޓަމުން ދިޔައީ އިނގިރޭސިވިލާތުން ކަމަށާއި، މިކަމުގެ ސަބަބުން މޮރިޝަސްގައި ތިބި ޗާގޯސްގެ ރައްޔިތުން ޗާގޯސްގައި ސެޓްލްކުރުމަށް ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ހިންގިފައި ނުވާތީ، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އަލީގައި މިކަމުގެ ނަތީޖާއަކީ ކޮބައިތޯއާއި، އައި.ސީ.ޖޭ އިން މިކަމުގައި ދެކެވަޑައިގަންނަވާގޮތެއް ހާމަކޮށް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަން

ޔޫ.އެން.ޖީ.އޭގެ އެދިވަޑައިގަތުމަށް ރިޢާޔަތްކުރައްވައި 25 ފެބުރުވަރީ 2019 ދުވަހު، އައި.ސީ.ޖޭ އިން  ޗާގޯސްއާގުޅޭގޮތުން، ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ އަށް އެޑްވައިޒަރީ އޮޕީނިއަންއެއް ދެއްވާފައިވެއެވެ. މި އޮޕީނިއަންގައި 1968 ވަނަ އަހަރު މޮރިޝަސްއަށް މިނިވަންކަން ލިބުނު ނަމަވެސް އިނގިރޭސި ވިލާތުން، ޗާގޯސް އާކިޕެލަގޯގެ މައްޗަށް ބާރު ހިންގަމުން ދިއުމުގެ ސަބަބުން (މީގެ ތެރޭގައި ޔޫ.އެސް އިން ޑީއޭގޯ ގާސިއާގައި ހިންގަމުންދާ ނޭވަލް ބޭސް ހިމެނޭހެން)، ޑީކޮލޮނައިޒޭޝަންގެ ޕްރޮސެސް ފުރިހަމަވެފައިނުވާކަމަށާއި، (މޮރިޝަސްއަށްމިނިވަންކަން ލިބުން ފުރިހަމަވެފައިނުވާކަމަށާއި) މިކަންތައްތަކަށް ނިމުމެއް ގެނެސް ވީހާވެސް އަވަހަކަށް ޗާގޯސް ދޫކޮށްލަން އިނގިރޭސިވިލާތުގެ މައްޗަށް ލާޒިމްކަމަށް އެޑްވައިޒަރީ އޮޕީނިއަންގައި ބަޔާންކުރައްވާފައިވެއެވެ. އަދި މޮރިޝަސްއަށް މިނިވަންކަން ލިބުން ފުރިހަމަކުރުމަށް އެއްބާރުލުން ދިނުމަށް އ.ދގެ މެންބަރު ޤައުމުތަކަށް ގޮވާލައްވާފައިވެސްވެއެވެ.

އައި.ސީ.ޖޭގެ އެޑްވައިޒަރީ އޮޕީނިއަންތައް އޮތޯރިޓޭޓިވް ނަމަވެސް، ޗާގޯސް އޮތީ އަދިވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައެވެ. ޗާގޯސްގެ ޑިއޭގޯ ގާސިއާވެސް މިލިޓްރީ ބޭނުންތަކަށް ދަނީ ބޭނުންކުރަމުންނެވެ. އަދި 2010 ވަނަ އަހަރު ޗާގޯސްގެ ރަށްތަކުގެ ވަށައިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ މެރިން ޕްރޮޓެކްޓެޑް އޭރިއާވެސް އެގޮތުގައި ދެމިއޮތުމުން  ޔޫ.އެން.ޖީ.އޭ ގެ އެޑްވައިޒަރީ އޮޕީނިއަން އިނގިރޭސިވިލާތުން ބަލައިގަނެފައިނުވާކަމާއި، އެއާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަން އެނގެއެވެ.

އިނގިރޭސިވިލާތުގެ ކޯޓުތަކުގެ ބައެއް ނިންމުންތައް ޗާގޯސްގެ ވަޒަންވެރީންނާ އެއްކޮޅަށް ނިމިފައިވުމާއި، އައި.ސީ.ޖޭގެ އެޑްވައިޒަރީ އޮޕީނިއަން އިސްވެ ބަޔާންކުރެވުުނުގޮތަށް އޮތްނަމަވެސް، މިއަދާހަމައަށްވެސް، ޗާގޯސްގެ ވަޒަންވެރީން އަމިއްލަ ވަޒަނެއްނެތި ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅެންވަނީ ޖެހިފައެވެ. އަދި 1970 ވަނަ އަހަރުން ފެށިގެން ޗާގޯސްގެ ވަޒަންވެރީން ޗާގޯސްއަށް ދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް އަދި ކާމީޔާބު ލިބިފައިނުވެއެވެ. ޔޫ.އެން.ޖީ.އޭގެ އެޑްވައިޒަރީ އޮޕީނިއަންގައި ބަޔާންކުރައްވާފައިވާ މޮރިޝަސްއަށް ފުރިހަމަ މިނިވަންކަން ލިބުންވެސް ގުޅެނީ ޗާގޯސްގެ ވަޒަންވެރީންނާއެވެ. އެހެންނަމަވެސް ޗޯގޯސްގައި ރީސެޓްލްވުމަށް މަގުފަހިވެފައިނުވެއެވެ. ޔޫ.އެން.ޖީ.އޭގެ އެޑްވައިޒަރީ އޮޕީނިއަންގައި އެކަމަށް މަގުފަހިކޮށްދީ އެއްބާރުލުން ދިނުމަށް ޤައުމުތަކަށް ގޮވާލި ގޮވާލެއްވުމަށް ދިވެހިރާއްޖެއިން ފިޔަވަޅުތަކެއް އަޅުއްވާފައިވީނަމަވެސް, މިހާތަނަށްވެސް އެކަމަށް ފުރިހަމަ އެއްބާރުލުމެއް ނުލިބި، ޗާގޯސްގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް ދެވޭގޮތްވަނީ ނުވެފައެވެ.

 

އެޑިޓަރުގެ ނޯޓް:

ދައުލަތުގެ މުހިންމު މުއައްސަސާތަކެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޤާނޫނީ މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެއްކަމަށްވާ އަލްއުސްތާޛާ ޖިހާދާ އަނީސް އަކީ އިންޓަރނޭޝަނަލް މެރިޓައިލް ލޯއިން މާސްޓަރ އޮފް ލޯސް ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި ގޮތަށްޖިހާދާ އަނީސް ވަނީ ލޯ އޮފް ދަ ސީ ކޮންވެންޝަންއާ ގުޅޭ ދާއިރާއަކުން އިންޓަނޭޝަނަލް ޕްލެޓްފޯމްތަކެއްގައި ފޮތެއްވެސް ޕަބްލިޝްކުރައްވާފައެވެ. މި ފޮތުގެ ނަމަކީ އަ ލީގަލް އެނާލިސިސް އޮފް ދަ މޯލްޑިވްސް ކްލެއިމް ފޯރ އެން އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފްއެވެ.

އަލްއުސްތާޛާ ޖިހާދާ އަނީސް ލިޔުއްވާފައިވާ ފޮތް.  "އަ ލީގަލް އެނަލަސިސް އޮފް ދަ މޯލްޑިވްސް ކްލެއިމް ފޯރ އޭން އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް"

 

 

އަލްއުސްތާޛާ ޖިހާދާ އަނީސް ލިޔުއްވާފައިވާ ފޮތް.  "އަ ލީގަލް އެނަލަސިސް އޮފް ދަ މޯލްޑިވްސް ކްލެއިމް ފޯރ އޭން އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް"

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު