ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމުގެ މައްސަލާގައި ސަރުކާރު ހިންގާ ޕާޓީގެ ބަސް އަޑުއަހަން އިލެކްޝަންސް ކޮމިޝަނުން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހަށް ޒިންމާދާރުވާންޖެހޭ ތަނެއް ކަމަށާއި އިންތިހާބު ބާއްވާނެ ދުވަހަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއްގެ ރައްޔު ނެރެފައިވާ ކަމަށެވެ.
"އެކަމަކު އަދިވެސް އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާނެ ދުވަސް ބަދަލެއް ނުކުރައްވާ. އިލެކްޝަންސް ކޮމިޝަނަކުން ނުޖެހޭ ސަރުކާރު ހިންގާ ޕާޓީގެ ބަހެއް އަޑުއަހާކަށް މީގައި،" ޔާމީން ވިދާޅުވި އެވެ.
ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމާ ޕީއެންސީ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓީއެއް ދެކޮޅު ހަދަމުންދާކަން ފާހަގަކުރައްވަމުން ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަނަކީ ކަންކަން ފަހިކޮށްދޭން ތިބޭ ބައެއް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން މުއްދަތުތަކެއްގެ ވާހަކަ ދައްކާއިރު އެއީ ބަހަނާއަކަށް ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މަޖިލިސް އިންތިޚާބު ބާއްވަން އީސީން ނިންމާފައިވަނީ އަންނަ މަހުގެ 17 ގައެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ.
ރޯދައިގެ ފަހުން އިންތިހާބު ބާއްވަން މަޖިލީހުން ބިލެއް ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވާނެ ކަމުގެ އިޝާރާތެއް ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ރޯދަމަހު އިންތިޚާބެއް ނުބޭއްވެން ޖެހޭ ސަބަބެއްނެތް މަސްވެރިން ކަނޑުފަޅުފީނައިގެބް މަހަށްވެސްދޭ ރާވެރިން ރުކަށްއަރާ ރައިވެރިކަބްވެސް ކުރޭ ވީއިރު ވޯޓްލާން ދިޔުމައްއޮތީ ކޮންއުޒުރެއް