Wednesday, 19 June 2024

އަޅުގަނޑުގެ ފަސް ބައި ސާފުވާނެ، އަމާނާތްތެރިވާނެ: ޘަޤީފް

އޭނާއަކީ ފަސް ބައި ސާފު، ރައްޔިތުންނަށް އަމާނާތްތެރިވާނެ މީހެއް ކަމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "މަޖިލިސް ބަހުސް 2024″ ގައި ވާހަކަ ދައްކަވަމުން ޘަޤީފް ވިދާޅުވީ އިންތިހާބުތަކުގައި ވޯޓު ގަނެ، ވިއްކުން ހުއްޓުވޭނީ ރައްޔިތުންނަކީ ފުދުންތެރިކަން ހުރި ބަޔަކަށް ހަދައިގެން ކަމަށެވެ. ވޯޓު ވިއްކުމަކީ ކުށަކަށް ވިޔަސް، އެކަން ސާބިތު ކުރުމަކީ މި މުޖުތަމައުގައި ދަތިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެކަން ކަން ފަސޭހަ އިން ސާބިތު ކުރެވޭނެ ގޮތަކަށް ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށާއި އޭނާއަކީ އަބަދުވެސް އެކަމާ ދެކޮޅަށް ވަކާލާތުކޮށް އަޑު އުފުލާ މީހެއް ކަމަށް ވެސް ޘަޤީފް ވިދާޅުވިއެވެ. އަދި އޭނާއަކީ ފާޅުގައި އެކަމާ ދެކޮޅު ހަދާ މީހެއް ކަމަށް ވެސް ޘަޤީފް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެކަމުގެ ރިކޯޑެއް ނެތް މީހެއް. އަޅުގަނޑުގެ ފަސްބައި ސާފު ވާނެ. އަޅުގަނޑު އަމާނާތްތެރިވާނަން. އަޅުގަނޑަށް ވޯޓެއް ދެއްވާ،" ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޘަޤީފް ވިދާޅުވިއެވެ.

ޘަޤީފް ވިދާޅުވި ގޮތުގައި ތައުލީމީ ގާބިލް މީހުންނާއި ފަސްބައި ސާފު މީހުން އެކަހެރިކޮށް ނާގާބިލް މީހުން ކަންކަމަށް މަތިކޮށް އެމީހުންގެ ބާރު ހިންގާއިރު މިއަދު ވިސްނާ ނުލައި ވޯޓު ވިއްކާލައިފި ނަމަ، އެއީ އަނެއްކާ ވެސް ޖީލެއް ހަލާކުކޮށްލުމަށް ދެވޭ ވޯޓެކެވެ.

"އަޅުގަނޑު ނަޒާހަތްތެރިވާނަން. އަޅުގަނޑެއް ނުވިކޭނެ. އަޅުގަނޑަށް ވޯޓު ދޭނެ މީހެއް ވެސް ނުގަނެވޭނެ. ނުހައްގު މުއްސަނދިކަމެއް އަޅުގަނޑު ނުހޯދާނަން. އަޅުގަނޑު ނަޒާހަތްތެރިވާނެ ކަން އަޅުގަނޑު ދަންނަ ކޮންމެ މީހަކު ހެކިވާނެ،" ޘަޤީފް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު