ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވުމުން ރާއްޖެ ބަނގުރޫޓު ކުރާނެ ގޮތުގެ މަގު ޗާޓެއް ހެދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އުތުރުގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ށ. މިލަންދޫގައި ބޭއްވި ޖަލްސާގާއި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގައުމުގެ މިސްރާބު ގެއްލި އޮޔާ ދަނީކަމަށް ބުނެ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުން ގެނެދާ މީހުންނަކީ އެކަމުގެ ހަގީގީ ޒިންމާދާރުވެރިން ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުވާލުމަށް ފަހު، ނުވަތަ ވިއްކާލުމަށް ފަހު މިނިވަންކަމަށް ބުރޫއަރުވައި އެ ވާހަކަތަކުން ރެކިގަތުމަށް މިއަދުގެ ސަރުކާރާއި ގުޅުވައި އެއްވެސް އަސްލެއް ނެތް ވާހަކަތައް ފަތުރަމުން ގެންދާތީ އެކަމަށް ސައީދު ވިދާޅުވިއެވެ.
2023، ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލޭ ހާލަތެއްގައި ރާއްޖެ ބަނބުރޫޓު ކުރާނެ ގޮތުގެ މަގު ޗާޓު އޭރުގެ ސަރުކާރުގެ އިސްވެރިންގެ އަތުގައި އޮތްކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭނުންވި ގޮތަކީ އެބޭފުޅުންނަށް ވެރިކަމަށް ނާދެވޭނަމަ ދިވެހިން ނިކަމެތި ކުރުންކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.
އެކަން ކާމިޔާބު ނުވުމުން، އެމްޑީޕީގެ މެމްބަރުން އަޑީގައި ތިބެގެން ރެޖިސްޓްރީ ނުކުރާ ވެބްސައިޓުތަކާއި އަދި އެ ނޫން ވެސް އެހެނިހެން ނޫސްތަކުގައި ރައީސް މުއިއްޒުގެ ސަރުކާރުގެ ތަސައްވުރު ގެއްލޭ ގޮތަށް ވާހަކަތައް ފަތުރަމުން އައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.