އިންތިހާބު ފަސް ކުރުމުގެ ބިލަށް އިތުރު ބަދަލެއް ނުގެނެސް އަނެއްކާވެސް ފާސްކޮށްފި

މަޖިލިސް އިންތިހާބު ރޯދައަށް ފަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ފޮނުވުމުން އިތުރު އިސްލާހުތަކެއް ހިމެނުއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ބިލު އަނބުރާ ފޮނުވުމުން އަނެއްކާވެސް އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފިއެވެ.

މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދީއްތަ ދުވަހެވެ. އިތުރު ބަދަލެއް ނުގެނެސް އެ ބިލު މިއަދު ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.

އެހެންކަމުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެއެވެ.

ބިލެއް ތަސްދީގު ކުރަން ނުވަތަ އަނބުރާ ފޮނުވާލުމަށް ރައީސްއަށް ލިބިވަޑައިގަންނަވާ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ބިލު އަނބުރާ ފޮނުވާލެއްވުމަށްފަހު ރައީސް އޮފީހުން ބުނީ "މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް" އެ ބިލުގައި ހިމެނޭ ކަމަށެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގައެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރި ނަމަ މަޖިލިސް އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރިލް 20، ވަނަ ދުވަހަށް ފަހުގެ ތާރީހެއްގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު