މުދަލާއި މީހުން އުފުލުމަށް ރަށްރަށުގައި އާންމު ގޮތެއްގައި ބޭނުން ކުރާ ރަށު ޕިކަޕުން ނަގާ ފީ އުވާލަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެއްކަމަށެވެ. އެގޮތުން ވަރަށް ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ފާހަގަކުރާ ރަށު ޕިކަޕަކީ، ވަރަށް ގިނަ ފަސޭހަތަކެއް ލިބޭ ދުއްވާ އެއްޗެއްކަމުގައި ފާހަގަކުރައްވައި، މި އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އެއްކޮށް އުވާލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބި އިންޖީނުލީ އުޅަނދުގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި، އުޅަނދު ބޭނުންކުރުމަށް މަގިފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށު ޕިކަޕްގެ ފީއެއްގެ ގޮތުގައި 1،800ރ. ސަރުކާރުން ނަގައެވެ.
ރ. ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށު ޕިކަޕަކީ ތިމާވެއްޓާ ރައްޓެހި ވެހިކަލަކަށް ވާއިރު، އެއިން ރައްޔިތުންނަށް އެތައް ފަސޭހަތަކެއްވާ ކަމަށެވެ.
"އެހެންވީމަ މި އަންނަ މަހުން ފެށިގެން އިރާދަކުރެއްވިއްޔާ ރަށު ޕިކަޕުން މި ނަގާ ފީ އެއްކޮށް އުވާލާނަން. އޭރަށް އެ 1،800 ރުފިޔާ ވެސް ސަލާމަތްވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފީ އުވާލުމުން އިލެކްޓްރިކް ވެހިކަލްތައް އިހްތިޔާރު ކުރުމަށް ވުރެ، ބެޓަރީ ވެހިކަލްތަކަށް ދިޔުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މި މުޖުތަމައުއަކީ ފެހިކަން ގަދަ މުޖުތަމައުއަކަށް ހަދަން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށާއި ރައްޔިތުންނަށް ލުއި ފަސޭހަކޮށްދޭން ކުރެވެން ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެކްސް ބޭސް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ނުހެދި ހުރި ރިސޯޓްތައް ހަދައި، ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓަރުން އިތުރުކޮށް، ފަތުރުވެރިކަން ފުޅާވުމުން ޓީ.ޖީ.އެސް.ޓީ އިތުރުވެ، ޓެކްސް ބޭސް ފުޅާވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދުވާފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ދޭންވާ ފައިސާ ދެއްވުމަށްފަހު (ބެކް ލޮގް ސާފުކުރުމަށްފަހު) ދެން ބައްލަވާނީ، މަސްވެރިންނަށް ދޭންވާ ފައިސާ ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށެވެ.