އަނިޔާވެރި އިސްރާޢީލުގެ ޖަރީމާތަކުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަނީ

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި އިސްރާޢީލުގެ އުދުވާނުގެ ސަބަބުން، ޣައްޒާގައި، ކާނާ އާއި ފެން ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިން މަރުވަމުންދާ ކަމުގެ ޔުނިސެފުން އިންޒާރުދީފިއެވެ.

ރަފާ، ޚާން ޔޫނިސް އަދި ޣައްޒާ ސިޓީގައި އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ބޮން އަޅަމުންދާއިރު، އެ ސަރަހައްދުތަކުގައި އިސްރާއީލުން ހިންގަމުންދާ ޢުދުވާން ދަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު، ޢުދުވާން ފެށިފަހުން، މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ޣައްޒާއިން ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 30،410 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގެ ބޭނުމުގައި ހަމާސްގެ އޮފިޝަލުން މިސްރުގެ ޤާހިރާއަށް ވަޑައިގެންފައިވާއިރު، ގަތަރާއި އެމެރިކާގެ މަންދޫބުން ވެސް މަޝްވަރާތަކުގައި ބައިވެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމާސްގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ފަލަސްތީނުގެ އަސްކަރިއްޔާގެ ޑިމާންޑްތައް އިސްރާއީލުން ބަލައިގަނެފިނަމަ، 24 ގަޑިއިރާއި 48 ގަޑިއިރުގެ ތެރޭގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ކަށަވަރު ކުރެވިދާނެ ކަމަށެވެ.

އިސްރާއީލުގެ އިސްތިޢުމާރުން ޚާން ޔޫނިސްގެ ޕީއާރުސީއެސް އަލް އަމާލް ހޮސްޕިޓަލް ވަށާލައި ހަމަލާތައް ދެމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގެ ހާލަތު ބޮޑުތަނުން ގޯސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްޠީނުގެ ރެޑްކުރެސެންޓުން ވިދާޅުވާ ގޮތުގައި، އިސްރާޢީލުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން، ކާބޯތަކެތި މިހާރު ހުރީ އިތުރު އެއް ހަފްތާއަށް ފުދޭ ވަރަށެވެ. ތެޔޮ ލިބެން ހުރި މިންވަރަށް ބަލާއިރު، ހޮސްޕިޓަލްތަކުގެ އޮޕަރޭޝަންތައް ދެމެހެއްޓޭނީ އެންމެ ހަފްތާއަށެވެ. ބާކީ ހުރި ބޯފެން ފުދޭނީ އެންމެ ތިން ދުވަހަށެވެ. ކުނި ޖަމާވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ ތެރޭގައި ތަފާތު ބަލިތައް ދަނީ ފެތުރެމުންނެވެ. ކިރާއި ތުއްތު ކުދިންނަށް ބޭނުންވާ ޑައިޕަރ، އަދި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ބައެއް ސިއްހީ ސާމާނާއި، ދިގުމުއްދަތުގެ ބަލިތަކަށް ދޭ ބޭސްތަކާއި، ލެބޯޓްރީއަށް ބޭނުންވާ ތަކެތި ވަނީ ހުސްވެއެވެ. ޑޮކްޓަރުންނާއި އަދި ނަރުހުންގެ ޓީމުތައް ޙަރަކާތްތެރިވުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު