Wednesday, 19 June 2024
މާލޭ ބޮޑުތަކުރުފާނު މަގު، ދެކުނު ފަރާތް، ފޮޓޯ: ފިޔަ

ޕާކިން މައްސަލަ ބޮޑުވުމުން، އެންމެފަހުން ޓޯކުރަން ފަށަނީ

މާލެ ސަރަހައްދުގައި ހަމައެއް ލަމައެއް ނެތި ނުގަވައިދުން ވެހިކަލް ޕާކްކުރުމުގެ މައްސަލަ ބޮޑުވުމުން އެންމެ ފަހުން ޖޫރިމަނާކޮށް އުޅަނދުތައް ޓޯ ކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާއި މަގުމަތީގައި އުޅަނދު ދުއްވާ މީހުން ހާއްސަކޮށް ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާ ކަމުގައެވެ.

ޕާކް ކުރުމަށް މާލެ އާއި ހުޅުމާލެ 1 އަދި 2 ގައި ކަނޑައަޅާފައިވާ ޒޯން ނޫން އެހެން ތަނެއްގައި ޕާކު ނުކުރުމަށް އަންގައި، އެ އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ވިދާޅުވެފައިވާއިރު، އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. ގައިވާ ގޮތުން އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

ހަމައެހެންމެ، އެ މީހާގެ ހާއްސަ އުޅަނދުތައް ފިޔަވައި އެނޫން އުޅަނދުތައް، އެތަނުން ނަގައި އެހެން ތަނަކަށް ގެންދިއުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.

އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ވަނީ ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމުގައެވެ.

ފުލުހުން ވިދާޅުވީ މައިގަނޑު ފަސް ސަރަހައްދަކީ ހާއްސަ ސަމާލުކަން ދީގެން ބަލަމުންދާނެ ތަންތަން ކަމަށެވެ. އޭގެ ތެރޭގައި، ގްރީން ޒޯނާއި ޕަބްލިކް ޓްރާންސްޕޯޓު ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތި، ސްކޫލުތައް ހިމެނޭ ސަރަހައްދާއި، އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ތަންތަނާއި މިސްކިތްތަކާއި އާއްމު ގޭބިސީތަކާއި ގަރާޖުތަކަށް ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުފަހަރު ހިމެނެއެވެ.

މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމައިފައެވެ.

މާލޭގެ މަގުތައް، ޚާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ޕާކިންގެ މައްސަލަ ވަނީ މިހާރަކަށް އައިސް ބޮޑުވެފައެވެ. ބޮޑުތަކުރުފާނު މަގަކީ ޕާކް ކުރުން މަނާ މަގެއް ނަމަވެސް، އެ މަގުގެ ދެ ފަރާތުގައި  ބޮޑެތި ވެހިކަލްތައް ޕާކް ކޮށްފައިހުރުމުން، އެކަމުގެ ސަބަބުން މަގުގައި ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު