Wednesday, 19 June 2024
އިލެކްޝަންސް ކޮމިޝަން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފަ

މަޖިލިސް އިންތިޚާބަށް އަލުން ރީ-ރަޖިސްޓްރީވުމަށް މިމަހުގެ 14ގައި ހުޅުވާލަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 14 ގައި ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ތާރީޚުތަކަށް ބަދަލުތައް އައުމުން އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށް އިލެކްޝަންސް ކޮމިޝަން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ 21 އޭޕްރީލްގައި އިންތިޚާބު ބޭއްވުމަށް ނިންމުމާއެކު އަލަށް 560 ފަރާތަކަށް 18 އަހަރު ފުރި ވޯޓުލުމުގެ ޙައްޤު ލިބޭ ކަމަށެވެ. އެހެންކަމުން މި ފަރާތްތަށް ވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތެއް ދިނުމުގެ ގޮތުން މިމަހުގެ 14 ގައި ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލުމަށް ނިންމާފައިވާކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރީވުމަށް 3 ދުވަހުގެ މުއްދަތެއް ދޭނެކަމަށާއި ހުރިހާ ފަރާތްތަކަށްވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، އަދި މިފަހަރު ރީ-ރަޖިސްޓްރީވުމަށް ކުރު މުއްދަތެއް ދޭން ނިންމީ މީގެ ކުރިން 7 ދުވަހުގެ މުއްދަތަކަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން ލިބުނު ތަރުހީބު ކުޑަވުމުން ކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ޙަސަން ޒަކަރިއްޔާ ވިދާޅުވީ އަލަށް ވޯޓުލުމުގެ ޙައްޤު ލިބުނު 560 ފަރާތުގެ ވޯޓަރސް ލިސްޓަށް ޝަކުވާއަށް މާދަމާ ހުޅުވާލާނެ ކަމަށެވެ. އަދި މިމަހުގެ 7 އަކާއި ހަމައަށް 3 ދުވަހުގެ މުއްދަތެއް ޝަކުވާ ހުށައެޅުމަށް ދޭނެކަމަށް ވިދާޅުވިއެވެ. އަދި މިމަހުގެ 14ގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލަނީ ޝަކުވާއަށް ރިޢާޔަތްކުރުމަށްފަހު 560 ފަރާތުގެ ލިސްޓާއެކު ފައިނަލް ވޯޓަރސް ލިސްޓު އަލުން ގެޒެޓުގައި ޝާޢިރުކުރުމަށްފަހުގައިކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އީސީން މިހާތަނަށް ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ ސްރީލަންކާއާއި މެލޭޝިޔާގައެވެ. އިލެކްޝަނުން ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދު ކަމަށްވާ 150 މީހުން ރަަޖިސްޓްރީވެފައިވަނީ އެ ދެ ޤައުމަށް އެކަނި ކަމަށެވެ.

ރީ-ރަޖިސްޓަރވުމަށް ހުޅުވާލާ ފުރުޞަތުގައި އެހެން ޤައުމަކަށް ވެސް 150 މީހުން ރަޖިސްޓްރީވެއްޖެނަމަ އެ ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚަކީ މިމަހުގެ 17 އެވެ. އެހެންނަމަވެސް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން މި ތާރީޚަށް ވަނީ ބަދަލު އައިސްފައެވެ. މިހާރު އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ނިންމަވާފައިވަނީ އޭޕްރިލް މަހުގެ 21 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު