ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ މަގު ރޯދައަށް ފަހު ހުޅުވަނީ

މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިމާރާތާ ޖެހިގެން އޮންނަ ދޮންއަދަރާދަ މަގުގެ މަސައްކަތްތައް މި މަސް ތެރޭގައި ނިންމާ ރޯދަމަހަށް ފަހު ހުޅުވުމަށް ތައްޔާރު ވެފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ މަގު ނިމުމުގެ މަސައްކަތާއި އެކަމުގެ މަސައްކަތް ކުރިއަށްދާ މިންވަރު ސްޓެލްކޯއިން ވަނީ ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. މި މަގު ހުޅުވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށް ދާ ކަމަށާއި މިހާރު މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އެހެންކަމުން ރޯދަމަހަށް ފަހު އެ މަގު ހުޅުވޭނެ ކަމުގެ ޔަގީންކަން ފަހުމީ ވަނީ ދެއްވާފައެވެ.

މި މަސައްކަތް ނިންމާލުމަށްފަހު ސްޓެލްކޯގެ މައި އިމާރާތައި އަދި މަސައްކަތް ކުރަމުންދާ ސަރަހައްދަށް ދިއުމުގައި ދަތިތަކާއި ކުރިމަތިލާން ނުޖެހޭ ގޮތަށް ނުވަތަ މަސައްކަތް ކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް ކަނެކްޓިން ބްރިޖެއް ވަނީ ގާއިމްކޮށްފައެވެ. އެހެންކަމުން ސްޓެލްކޯގައި މަސައްކަތް ކުރަމުންދާ މީހުންނަށާއި އަދި މަގު ބޭނުންކުރާ މީހުންނަށްވެސް އެކަމުގައި ފަސޭހަ ވެގެން ދާނެކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ހާމަކުރިގޮތުގައި އެމަގުގެ މަސައްކަތް ކޮށްފައިވަނީ އެމްބިއުލާންސް އާއި ފަޔަރ ޓްރަކް ފަދަ ހެވީ ވެހިކަލްސްއަށްވެސް ދަތުރުކުރެވޭނެ ގޮތަށެވެ.

ފަހުމީ ވިދާޅުވިގޮތުގައި އެ މަގު ހުރި ސަރަހައްދަކީ ސްޓެލްކޯގެ ޕަވަރ ހައުސްއެއް ހުރިތަނެކެވެ. އަދި އެ ސަރަހައްދުގައި 17 އިންޖީނު ހުރި ކަމަށާއި ނަމަވެސް އެ އިންޖީނުތަށް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށް އޭ އިންޖީނުތަކުންވެސް ހިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން އެ ސަރަހައްދުން އިންޖީނުތައް ނެގުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަޑު ގަދަވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާކަމަށް ފާހަގަކުރައްވާފައެވެ.

މި މަސައްކަތުގައި އެންމެ އުދަނގޫ ކަމެއްގެ ގޮތުގައި އެމްޑީ ފާހަގަކުރެއްވީ އެތަނުގައި އަޅާފައިވާ ކޮންކްރިޓް ބުޑުތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް އެމައްސައްކަތްވެސް ކާމިޔާބު ކަމާއެކު ނިންމާލައިފައިވާ ކަމަށް އެމްޑީވަނީ ވިދާޅުވެފައެވެ. މި މައްސައްކަތަކީ ސްޓެލްކޯއިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު