Saturday, 15 June 2024

އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފި

އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފިއެވެ.

ދިފާއީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ވަޒީރު މުހައްމަދު ޣައްޞާން މައުމޫންއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮފީސް ފޮރ އިންޓަރނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓި ޑިރެކްޓަރ، މޭޖަރ ޖެނަރަލް ޖަންގ ބައުހުއާންއެވެ.

ޗައިނާއާއެކު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުންތައް ބަދަހިވެގެންދާނެކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން، މޭޖަރ ޖެނަރަލް ޖަންގ ވަނީ ޑިފެންސް މިނިސްޓަރ ޣައްޞާން މައުމޫން އަރިހަށް ޒިޔާރަތްކުރައްވައި މަޝްވަރާތަކެއްވެސް ބާއްވަވާފައެވެ. މި މަޝްވަރާތަކުގައި ދިފާއީ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައިކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާއި ޗައިނާގެ އަސްކަރިއްޔާގެ އޮފިސަރުންނާއި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު