Saturday, 15 June 2024

ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ކަނޑުއޮޅިން ދަތުރުކުރާނަމަ ލައިސަންސް ހިފަހައްޓަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަަތަށް ބަންދުކޮށްފައިވާ މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއްކަމަށެވެ. ބަމަވެސް އެ ދެ ކަނޑުއޮޅިން އަދިވެސް އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ފާހަގަކުރެއްވިފައިވާކަމަށާއި، ވަކިން ހާއްސަކޮށް ރިޒޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މިދެ ކަނޑުއޮޅީގައި މާލެ-ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރިއަށްދާއިރު މި ދެ ކަނޑުއޮޅި ބޭނުންކުރާ އާއްމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.

މިދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކާމެދު ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު