29 އެޕްރީލް 2025

ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި9:00 އާ ދެމެދު ކަމަށެވެ. އަދި ކިޔެވުން ނިމޭ އެންމެ ފަހު ގަޑިއަކީ މެންދުރުފަހު 3:00 އަށް ކަމަށް ސާކިއުލާގައިވެއެވެ.

އެގޮތުން، ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ވެސް ކިޔަވައިދޭން ފަށާނީ 8:30 ގައެވެ.

އެ ސާކިއުލާގައި ވާ ގޮތުން ކިޔަވައިދިނުމުގެ ވަގުތު ކަނޑައަޅަން ވާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 3:00 ގެ ކުރިން ނިންމާ ގޮތަށެވެ.

ދަންފަޅިތަކުގެ ދިގުމިން:

  • އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން (1 ގަޑިއިރާ 30 މިނެޓް)
  • ގްރޭޑް 1 އިން 6 އަށް (2 ގަޑިއިރާ 30 މިނެޓް)
  • ގްރޭޑް 7 އިން 12 އަށް (3 ގަޑިއިރު)

އެ ސާކިއުލާގައި ވަނީ ރޯދަ މަހު ކިޔަވައިދޭ ވަގުތު މަދުކަމުން ގަޑިއެއްގެ ދިގުމިން ވާން ޖެހޭނީ 30 މިނެޓާއި 45 މިނެޓާ ދެމެދު ކަމަށެވެ. އަދި ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.

ޓީޗަރުންގެ މަސައްކަތުގެ ގަޑި 4 ގަޑިއިރަށްވުރެ ދިގު ނުކުރުމަށާއި، ކިޔެވުން ކުރިއަށް ގެންދާ ވަގުތުތަކުގައި އިދާރީ އޮފީހުގެ މަސައްކަތްތައް މެދު ނުކެނޑޭނެހެން އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުމަށާއި، ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ކުދިންނަށް ދީނީ މައުލޫމާތު ދިނުމާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސްކޫލުތަކުގައި އެއްވެސް ހަަރަކާތެއް ނުހިންގަން އެޑިއުކޭޝަނުން ވަނީ އެދިފައެވެ.

ސެކަންޑްރީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00 އާއި 10:30އާ ދެމެދު ރޭވުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު