ރައީސުލްޖުމްހޫރިއްޔާ ރިނބުދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފަހިކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންނަށް ލެބޯޓްރީގެ ޚިދުމަތް ބޭނުންވާކަމަށާއި، ސުކޫލުގެ ޖާގައިގެ ދަތިކަމާއި، އާ މިސްކިތެއް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހުރިކަމުގައި ވިދާޅުވިއެވެ. އަދި ކަރަންޓުގެ ޙިދުމަތުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާތަކުގެ އައު އިމާރާތްތައް ހެދުމުގައި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ކައުންސިލާއި ހިއްސާކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު