ހިތް އެދޭހާ ކަމެއް.. (53 ވަނަބައި)

"އެކަމަކު ރިއާންގެ އެއްޗެއް ހޮސްޕިޓަލްއަށް. އޯކޭ އައިޝް މަޑުކޮށްލައްޗޭ.. އަހަރެން އެބަ ދަން." މާދުރުނޫން ހިސާބެއްގައި އޮތް ބަސް އަންނަތަން ފެނުމާއެކު ޒީވާ ބުންޏެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ދާދި ކުޑައިރުކޮޅެއްގެ ކުރިން ހިނގައިދިޔަ ކަންތައް އޭނާގެ ސިކުނޑިން ނުފޮހެވެންދެން އަނެއްކާވެސް މި ކުރިމަތިވީ އެއްވަރުގެ ކަމަކާއެވެ. ހިތާހިތުން އަމިއްލާ ނަފްސަށް ހިތްވަރު ދެމުން ޒީވާ ބަހަށް އަރައި އެންމެ ފަހަތުގައިހުރި ހުސް ގޮނޑިއެއްގައި ހަމަޖެހިލިއެވެ.

**************

ކާރުގެ ފަހަތުގައިހުރި ޑިކީއިން ނެގި ފޮށި ބިންމަތީގައި ބަހައްޓައިލައި ދެމުން ރިއާން އޭނާގެ ގާތުގައިހުރި ނަޝްވާއަށް ބަލައިލިއެވެ. އޭރު ނަޝްވާގެ ނަޒަރުވެސް އޭނާއާ އަމާޒުވެފައި ހުއްޓެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ނަޝްވާގެ ދެލޮލުން ބުނެދޭން ނޭނގޭފަދަ އަސަރުތަކެއް ފެނުނުހެން ރިއާންއަށް ހީވިއެވެ. ހީވީ ނަޝްވާ ކަމަކާ ހިތާމަ ކުރަމުންދާހެނެވެ.

"އައިލް މިސް ޔޫ ރިއާން.. އަބަދުވެސް" ރިއާންގެ ލޮލާ ނަޒަރު ވަކިކޮށްލަމުން ނަޝްވާ އިސްޖަހައިލިއެވެ.

"އައިމް ސޮރީ ނަޝް.. އައި ކާންޓް ސޭ ދަ ސޭމް" ރިއާން ބުންޏެވެ. ނަޝްވާ ބޯ ޖަހައިލިއެވެ. އެދެމެދަށް ވެރިވީ އާދަޔާހިލާފު ހިމޭންކަމެކެވެ.

"ސޮރީ.. އަހަރެންނަށް ވަރަށް އުނދަގޫ ކުރެވިއްޖެ ދޯ" ނަޝްވާ ލޮލުގެ ހިމަކޮޅުން ނީރައިލި ކަރުނަތިކި ފޮހެލަމުން ބުނެލިއެވެ.

"ނަޝް.. އަހަރެން ހިއެއް ނުކުރަން އަހަރެން ދުވަހަކުވެސް މިހެން ބުނަން ޖެހިދާނެ ކަމަކަށް. އެކަމަކު ތެންކްޔޫ.. ޒީއަކީ ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެއް. ވަރަށް ކަންކަމާ ވިސްނާނެ. ޝީ އިޒް ވެރީ ފްރެޖައިލް ނަޝް.. އެ ނާޒުކު ހިތުގަ ކުޑަވެސް ކޫރުމެއް އެޅޭކަށް އަހަރެން ބޭނުމެއްނޫން.. މީގެ ކުރިންވެސް ޒީއަށް ފެނިފަ ހުންނާނީ އަހަރުމެންގެ މާ ޑީސެންޓް މަންޒަރުތަކެއް ނޫން. އެހެންވީމަ ނަޝްގެ ހިޔަނި އެޅޭހާ ހިނދަކު އަހަރެންނަކަށް ޒީގެ ފުރިހަމަ އިތުބާރެއް ނުހޯދޭނެ. ތޭންކްސް ފޯރ ލީވިންގް" ރިއާން ބުންޏެވެ.

"ހީ ނުކުރާ ކިތަންމެ ކަމެއް ވޭ ދޯ؟ ރިއާން އަހަރެންނަށް ތޭންކްސް ބުނުން އެކަންޏެއް ނޫން. ކާކު ހީކުރާނީ… ރިއާންއަށް ތިވަރަށް މީހަކުދެކެ ލޯބިވާން އެނގޭނެ ކަމަށް؟" ނަޝްވާ ހިތިގޮތަކަށް ހިނިތުންވެލިއެވެ. ރިއާން އެވާހަކައަށް ވަކި ރައްދެއް ދޭކަށް ނޫޅުނެވެ.

"އަހަރުމެންގެ ރިލޭޝަންޝިޕް ވޯކް-އައުޓް ނުކުރުމަކީ ނަޝްއަށް ލިބުނު ނަސީބެއް. ބްލެސިންގެއް.. ނަޝްއަކީ އަސްލު މީހުން ހީކުރާހާ އަދި ނަޝް އަމިއްލައަށްވެސް ތި ގަބޫލުކުރާހާ ގޯސް ކުއްޖެއްނޫން.. ހުތުރު ކުއްޖެއްވެސް ނޫން. އިރާދަކުރެއްވިއްޔާ އަހަރެންނަށްވުރެން މާ ރަނގަޅު.. ނަޝްދެކެ މާ ލޯބިވާ މީހުން ނަޝްއަށް ވާނެ" ރިއާން ޔަގީންކަން ދިނެވެ.

"ތިހެން ސްވީޓްކޮށް ވާހަކަދެއްކީމަ އަހަރެންގެ ހިޔާލު ބަދަލުވެ އަނެއްކާ ރިއާންގާތު ހުންނަން ބޭނުންވެދާނެ އެނގޭ!" ނަޝްވާ ސަމާސާ ރާގެއްގައި ބުންޏެވެ. ރިއާންގެ ފަރާތުންވެސް ލުއި ހީނލުމެއްގެ އަޑު އިވުނެވެ.

"ގުޑް ބައި ރިއާން. ޓޭކް ކެއަރ. ޒީއަށް ބަލައްޗޭ.. އަހަރެންނާ ޒީގެ އެކުވެރިކަން ގެއްލުނީ ބޭކާރުކޮށް ނޫންކަން އެނގުނީތީ ވަރަށް ހިތްހަމަ ޖެހިއްޖެ. އެޓްލީސްޓް ވަން އޮފް އަސް އިޒް ހެޕީ ދޯ.. ދެން ދަނި" ނަޝްވާ އެތަނުން ހިނގައިގަތުމުގެ ކުރިން ބުންޏެވެ.

"ނަޝް. މިއީ ނަޝްގެ ދޯ" ރިއާން ނަޝްވާއަށް ގޮވައިލަމުން އަތުގައި އޮތް ދެ ކަންފަތުލާ އެތިކޮޅު ދައްކައިލިއެވެ.

"އޫޕްސް.. ސޮރީ.." ނަޝްވާ ރަކި ފާޑަކަށް ބޯ ކަހައިލުމަށްފަހު އޭގައި ހިފިއެވެ.

"މީގެ ބޭނުންވެސް ވަރަށް މޮޅަށް ހިފައިފި އިނގޭ" ރިއާން ދެފަރާތަށް ބޯ ހޫރައިލަމުން މަލާމާތުގެ ރާގެއްގައި އެހެން ބުނި ނަމަވެސް މިފަހަރު އެ މޫނުމަތީގައިވަނީ ހަމަޖެހުމެވެ.

ނަޝްވާގޮސް ޓަރމިނަލްގެ އެތެރެއަށް ވަދެ އޮބައިލަންދެން ބަލަން ހުރުމަށްފަހު ރިއާންވެސް ކާރަށް އަރައި ދުއްވައިލިއެވެ.

"ހަލޯ. އަހަރެން ދިނީމެއްނު ސިޓީއުރައެއް. އޭތި ޑެލިވަރ ކުރާނެ ކަމެއް ނެތް. އަންދާލާ!" ނަޝްވާ ފޯނު ނެގުމަށްފަހު ނަންބަރަކަށް ގުޅައިލިއެވެ. ނަމަވެސް ފޯނުގެ އަނެއްފަރާތުން ވާހަކަދެއްކި މީހާގެ ޖަވާބު އިވުމާއެކު ނަޝްވާގެ ނިތަށް ރޫތަށް ގިނަވިއެވެ.

"ކީކޭ؟ މިހާ އަވަހަށް ޑެލިވަރ ކުރީ… ދެން؟؟ ދެން އަޅާނުލާ.. ކުރާނެ ކަމެއް ނެތް. ދަ ޑެމޭޖް އިޒް ޑަން. އެމީހުން އެކަން އެދެމީހުންގެ ދެމެދުގަ ހައްލުކުރާނެ. ރިއާން އެހާ ފަސޭހައިން ޒީ ދޫކޮށްނުލާނެކަމުގެ އިތުބާރު އަހަރެންނަށް އެބައޮތް." ނަޝްވާ ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. އަދި ފޯނު ކަނޑައިލުމަށްފަހު އޭގައި އޮތް ސިމް ނަގައި ބިންދައިލަމުން އެތަނުގައިހުރި ކުނިވަށިގަނޑުގެ ތެރެއަށް ހޫރައިލިއެވެ.

ޑިޕަރޗަރ ގޭޓުން އެތެރެއަށް ވަންނަން ދިޔައިރު ނަޝްވާގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. މުޅިން އައު ދަތުރެއް ފަށަންވި ވަގުތު ޖެހިއްޖެކަން ހުދު އޭނާއަށްވެސް އެނގިއްޖެއެވެ. ރިއާންއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި ކަފުންކޮށް އެ ބާބުގައި ސިއްކަ ޖެހީ ހަޔާތުގެ އައު ސަފުހާތަކެއް ފުރުމަށްޓަކައި ތައްޔާރު ވަމުންނެވެ.

"އައްދޯތް! ނުފެންނަނީތަ؟ ގައިމު ދިމާ ކުރިމަތީގައެއްނު މިހިރީ" ފަހަތުން އައި މީހަކު ކުއްލިއަކަށް ކޮނޑުގައި ޖެހިގަތް ވަގުތު ނަޝްވާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

"އަހަރެންވެސް ހިތަށްއެރީ ކީއްވެބާއޭ ނުފެނުނީ. އެކަމަކު މިހާރު އެނގިއްޖެ.. އައި ވޯޒް ޖަސްޓް ބްލައިންޑެޑް ބައި ޔޯރ ބިއުޓީ ކަން"

އެމީހާގެ ވާހަކަ އިވުމާއެކު ނަޝްވާ ފަކުރުގަނެފައިވާ ފާޑަކަށް  ބަލަހައްޓައިގެން ހުރުމަށްފަހު ހަލުވިކަމާއެކު އެތަނުން ހިނގައިގަތެވެ. "މޮޔައެއް ކަންނޭނގެ" އޭނާ ހިތާހިތުން ބުންޏެވެ.

"އެކްސް ކިއުޒް.. މީ" ފަހަތުން އެމީހަކު އޭނާއަށް ގޮވައިލި އަޑެއް ނަޝްވާއަކަށް ނީވުނެވެ.

ބިންމަތީގައި އޮތް "ލެޕަރޑް ޕްރިންޓް" ޖަހައިފައިވާ ކަންފަތުލާ ދެ ބޮޅު ނެގުމަށްފަހު މާއިޒް އޭނާގެ ގައިގައި ދެންމެ ޖެހުނު އަންހެންކުއްޖާއަަށް ގޮވައިލިއެވެ. އެކުއްޖާއަށް އެ އަޑު ނީވޭ ކަހަލައެވެ. ފަރި ހިނގުމެއްގައިގޮސް މެލޭޝިއަން އެއަރލައިންސްގެ ޗެކިން ކައުންޓަރުދޮށަށް މަޑުކޮށްލި މަންޒަރު ފެނި މާއިޒް ކޮނޑު އަރުވައިލަމުން އެ ކަންފަތުލާ އެތިކޮޅު އޭނާގެ ޖީބަށް ކޮށްޕައިލީ އެ ފްލައިޓަކީ އޭނާވެސް އެރުމަށް ހަމަޖެހިފައިވާ ފްލައިޓް ކަމަށްވާތީ ފަހުން އެކުއްޖަކާ ދިމާވާނެ ކަމަަށް ޔަގީން ކުރަމުންނެވެ.

**************

ޒީވާ ހޮސްޕިޓަލުގެ ޑިއުޓީ އަދާކުރާ ފަންގިފިލާއަށް އައި އިރު އައިޝާ ޑިއުޓީ ނިންމައިލުމަށްފަހު އެތަނުގައި މަޑުކޮށްލައިގެން އިނެވެ.

"މިއޮތީ އިނގޭ. ދެން ދަނީ ވަރަށް ލަސްވޭ އެބަ.. މި ބާއްވާފަ ނުދާންވެގެން މަޑުކޮށްލައިގެން މި އިނީވެސް" އައިޝާއަށް ޒީވާ ފެނުމާއެކު އަވަސްއަވަހަށް އެ ސިޓީއުރަ ދިއްކޮށްލިއެވެ.

"ތޭންކްސް އައިޝް. އެޕްރިޝިއޭޓް އިޓް" ޒީވާ އެ ސިޓީއުރައިގައި ހިފަމުން ބުންޏެވެ.

އައިޝާ ދިޔުމާއެކު ކުރިން އައިޝާ އިން ގޮނޑީގައި އިށީންނަމުން ޒީވާ ސިޓީއުރަ ހުޅުވައިލިއެެވެ. އޭގައިހުރީ ފޮޓޯތަކެކެވެ. ޒީވާ މާބޮޑު ވިސްނުމަކާނުލައި އެ ފޮޓޯތައް ނަގައި ބަލައިލިއެވެ. ލިބުނު ސިހުމުގައި ޒީވާ ލައިލައިހުރި ނޭވާވެސް ހުއްޓުނުހެން ހީވިއެވެ. އަތުގައިހުރި ނަޝްވާއާއި ރިއާންގެ ގާތްގޯޅި ފޮޓޯތަކަށް ބަލަން ހުރެވުނުއިރު އޭނާގެ ހަށިގަނޑު ތުރުތުރުލަމުން ދާކަމުގެ އިހުސާސެއް ޒީވާއަށް ކުރެވެމުންދިޔައެވެ. އެ ފޮޓޯތަކުގައި ނަޝްވާގެ ގައިގައި ހުރިހާ ފޭރާމެއް ހުރި ނަމަވެސް ރިއާންގެ އުނަގަނޑުން މަތީގައި އެއްވެސް ނިވާކަމެއް ނެތެވެ. ދެމީހުންވެސް ތިބީ ބާރަށް އެކެއް އަނެކެއްގެ ގައިގައި ބައްދައިލައިގެނެވެ. ދެމީހުން ދުރުވި ވަގުތު ހަތަރުކަޅި ހަމަކޮށްލައިގެން ތިއްބައި ނަގައިފައިވާ ފޮޓޮއެއްވެސް އޮތެވެ.

ޒީވާ ހިތްވަރުކޮށްފައި އަދިވެސް އެއްފަހަރު އެ ފޮޓޯތަކަށް ރަނގަޅަށް ބަލައިލީ އޭނާއަށް ރިއާން ބޭވަފާތެރި ނުވާނެކަމުގެ ހަނި އުއްމީދާއެކުގައެވެ. ނަމަވެސް ފޮޓޮއިން ފެންނަންހުރި ރިއާންއަކީ އެހާ ކުރީގެ ރިއާންއެއް ނޫނެވެ. ރިއާންގެ ކޮންމެ އުމުރެއް ކޮންމެ ދުވަސްވަރެއްގެ ތަސްވީރެއް ފެނުނަސް ޒީވާއަށް ވަކިކުރަން އެނގޭނެއެވެ. އެއީ ރިއާންގެ ޔުނިވަރސިޓީ ދުވަސްތަކުގައި ނަޝްވާއާއެކު ބޭއްވި ގުޅުމުގެ ތެރެއިން ނަގައިފައިވާ ފޮޓޯތަކެއް ނޫންކަން އޭނާއަށް އެނގުނެވެ. އަދި ނުވިތާކަށް ފޮޓޯތަކުން ފެންނަންހުރީވެސް ރިއާންއާއި ޒީވާ މިހާރު ދިރިއުޅެމުންދާ އެޕަރޓްމެންޓެވެ. އެއީ ކޮންއިރަކު އެތަނުގެ ތެރޭގައި ނަގައިފައިވާ ފޮޓޯތަކެއްކަން ޒީވާއަށް ނޭނގުނަސް އެ ފޮޓޮއިން ނަޝްވާގެ ކަންފަތުގައި ލައްވާފައިވާ ބޮޅު ފެނުމާއެކު ޒީވާއަށް އެއީ ފަހުގެ ތާރީހެއްގެ ފޮޓޯތަކެއްކަން އެނގުނެވެ. އެ ކަންފަތުލާ ބޮޅާ ގުޅޭގޮތުން އޭނާ ރިއާންއާ ސުވާލު ކުރިތާ އަދި ހަފްތާއެއްވެސް ނުވާނެއެވެ.

އެދުވަހުވެސް ރިއާން އޭނާއަށް ހަގީގަތް އޮޅުވައިލީއެވެ. ދޮގުހެދީއެވެ. މޫނުމަތިން އެކަމުގެ އަސަރެއްވެސް ދައްކައިލުމަކާ ނުލައެވެ. އެކްޓުކުރަންވެސް ކިހާ މޮޅުތާއޭ ޒީވާގެ ހިތަށް އެރިއެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދައިލައި މޫނުމަތި ރީތިކޮށްލަމުން ޒީވާ އޭނާ އިށީނދެ އިން ގޮނޑިން ތެދުވިއެވެ. އޭނާއަށް މިހާރު ފުދިއްޖެއެވެ. ފުދި އިތުރުވެސް ވެއްޖެއެވެ. ރިއާން އޭނާއަށް ބޭވަފާތެރިވެއްޖެކަން ޔަގީން ކުރުމަށް ދެން އިތުރު ހެއްކެއް ބޭނުންވާނެ ހެއްޔެވެ؟

*****************

"ޝައި.. އަހަރެން ދެން ކިހިނެއް ހަދާނީ؟ ފުރަތަމަ އަހަރެން ހީކުރީ ރިއާން ނަޝްވާއާއެކު އުޅުނަސް އަހަރެންނަށް ރިއާންއާއެކު ކެތްކޮށްލެވޭނެ ކަމަށް.. އެކަމަކު.. ތި.. ތި ފޮޓޯތައް ފެނުނު ވަގުތު އަހަރެންގެ ހަށިގަނޑުން ފުރާނަ ވަކިކުރެވުނު ކަހަލަ.. އަހަރެންނަށް.. އަހަރެންނަށް އެނގިއްޖެ އަހަރެންނަކަށް ރިއާން އިތުރު މީހަކާ ހިއްސާއެއް  ނުކުރެވޭނެކަން.. އަހަރެންގެ ހިތަށް ހާދަ ތަދުވެއޭ ޝައި.. އިޓް ހަރޓްސް ސޯ މަޗް"

ޝައިނާގެ ގައިގައި ބައްދައިލައިގެން އިނދެ ރޮމުންދިޔަ ޒީވާގެ ބޮލުގައި އެއްއަތުން ފިރުމައިލަމުން އަނެއް އަތުގައިހުރި ރިއާންއާއި ނަޝްވާގެ ފޮޓޯތަކަށް ބަލަން އިނެވެ. އެހެން އިން އިރު ސޯފާގެ ކުރިމައްޗަށް ވާގޮތަށްހުރި މޭޒުމަތީގައި އޮތް ޒީވާ ބަލިވެ އިންތޯ ބެލުމަށް ކުރި ޓެސްޓުގެ ނަތީޖާއަށް އޭނާގެ ކަޅި އިރުއިރުކޮޅާ ހުއްޓެއެވެ. ޒީވާގެ ހަޔާތައް އެއްފަހަރާ ކުރިމަތިވި ދެ ތޫފާނުގެ ސަބަބުން އޭނާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ.

"ޒީ.. ދެން.. އަހަރެން ކީކޭ ބުނާނީ؟ ޒީ ރިއާންއާ މިވާހަކަ ދައްކައިފިންތަ؟" ޝައިނާ އަހައިލިއެވެ. ޒީވާ ދެލޯ ފޮހެލަމުން ޝައިނާގެ ގައިން ދޫކޮށްލިއެވެ.

"ނޫން. އަހަރެން އިތުރަށް ރިއާންއާ ކުރިމަތިލާކަށް ބޭނުމެއްނޫން.. ރިއާންގެ ކުރިމަތީ އަހަރެންގެ އިހުސާސްތައް ބޭޒާރުކޮށް ފިނޑި މީހަކަށްވެގެން އަހަރެންނަށް ވީ ކޮން ފައިދާއެއް؟ އަހަރެން ބޭނުމެއް ނޫން އެގެއަށާ ދާކަށް" ޒީވާ ހީވީ އޭނާގެ ފަހުގެ ނިންމުން ނިންމައިލިހެނެވެ.

"ޒީ.. ޒީ އަކީ ފިނޑި މީހެއްނޫން. އެހެން ހީނުކުރައްޗޭ. ފިނޑި މީހަކަށް ރިއާންއާއެކު މިވީހާ ދުވަހު ނޫޅެވުނީހެއްނު. ސޯ ޒީއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. އެންޑް ޒީ ބޭނުން ދުވަހެއް ވަންދެން މިގޭގަ ހުރެވޭނެ. އެކަމަކު ކުއްލިއަކަށް ތިހާބޮޑު ނިންމުމެއް.."

"މިއީ އަހަރެން ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނޭ. ކިހާ ދުވަހެއް ވަންދެން އަހަރެން މިކަމާ ވިސްނީ.. ރިއާން އަހަރެންދެކެ ލޯބިވާ ކަމެއްވެސް އަހަރެންނަކަށް ޔަގީނެއްނޫން. އެއް މަސްދުވަހު ލޯބިން އުޅުނިއްޔާ އަނެއް އެއް މަސްދުވަހު ބީރައްޓެއްސެއްގެ ގޮތުގަ އުޅޭކަށް އަހަރެން ދެން ނުދާނަން ޝައި. މިހާރު އަހަރެންނަށް ވަރަށް އިންތިޒާރު ކުރެވިއްޖެއެއްނު؟ ރިއާންގެ ހަމައެކަނި އަނތްބަކީ އަހަރެންނޭ. ރިއާން ވަގުތު ދޭންޖެހޭ އިތުރު އަންހެނެއް ހުރެގެން ނުވާނެ. ޝައިވެސް އަހަރެން މިހިރަ މަގާމުގަ ހުރި ނަމަ އެނގޭނީ.. ފިރިއަކު ތިމާއަށް ނުދޭ ވަގުތު އެހެން އަންހެނަކަށް ހުސްކޮށްގެން އުޅޭއިރު ދުރުގަ ބަލަން ހުރުމަކީ ކިހާ އުނދަގޫ ކަމެއްކަން.  އިރާދަކުރެއްވިއްޔާ ޝައިއަށް މިކަހަލަ ދުވަހެއް ނުދައްކަވާށި "

ޒީވާ އެހެން ބުނިއިރު ޒީވާގެ ހާލަތު ޝައިނާއަށްވުރެން ރަނގަޅަށް އިހުސާސްކުރެވޭނެ ދެވަނަ މީހަކު ނުހުންނާނެކަން އޭނާއަކަށް ނޭނގެއެވެ. ޒީވާއަށް ހިތްވަރުދިނުމުގެ ގޮތުން ބުނާނެ އެއްވެސް ބަހެއް އޭނާގެ ދުލަކަށްނައެވެ.

"ޝައި އަހަރެން ހުންނާނީ މިގެއަކު ނޫން.. މިފަހަރު އަހަރެން ދާނީ ގެއަށް." ޒީވާ ބުންޏެވެ.

"ތިބުނީ؟"

"މިބުނީ އަހަރެން ދެން ރިއާންއާއެކު އުޅޭކަށް ބޭނުމެއް ނޫނޭ. ޝައި އަބަދުވެސް ބުނަމެއްނު އެމީހެއްގެ ނަފްސުގެ އަގު ވަޒަން ކޮށް އެމީހަކަށް ހައްގު މިންވަރު ދެނެގަންނާނީ އެމީހެކޭ. ދިސް އިޒް ނޮޓް ވަޓް އައި ޑިޒަރވް.. އަހަރެންނަށް ހައްގު މިންވަރަކީ ރިއާންކަހަލަ މީހެއް ނޫން. އަހަރެންނަށް ރިއާންއާ ވަކިން އުޅެވޭނެ ޝައި. އަހަރެންނަށް މިއަދު މި ލިބުނީ ވަރަށްބޮޑު ހިތްވަރެއް" ޒީވާ އޭނާގެ ބަނޑުގައި އަތްޖައްސައިލިއެވެ. އެއީ އަށް އަހަރު ވަންދެން އޭނާ ރިއާންދެކެ ވީ ލޯބީގެ ހަމައެކަނި ނިޝާނެވެ. ހަގީގަތުގައިވެސް އެއީ އޭނާއަށް ލިބިފައިވާ ވަރަަށްބޮޑު ހިތްވަރެކެވެ.

"ދެން ރިއާންއަށް ނާންގަނީތަ؟" ޝައިނާ މޭޒުމަތީގައި އޮތް ޓެސްޓުގެ ނަތީޖާއަށް އިޝާރާތްކޮށް އަހައިލިއެވެ.

"އެންގޭނީ ފުރުސަތެއް ލިބުނީމައެއްނު. ނަޝްވާއާއެކު އެ ދިޔަތާކަށް ގޮސްފަ އައިމައެއްނު؟" ޒީވާ ހިތްހަމަނުޖެހުނެވެ.

"ރިއާން ފުރީތަ؟ އަހަރެންނަކަށް އެނގިފައެއް ނެތް ރިއާން އެއްވެސް ތާކަށް ދާން އުޅޭކަމެއް" ޝައިނާ ހައިރާންވިއެވެ. އާންމުކޮށް ރިއާން ތަނަކަށް ދާން އުޅޭނަމަ އޮފީހުގެ މުވައްޒަފުންނަށް ކޮންމެވެސް ގޮތަކުން އެކަން އަންގައިލާނެއެވެ.

"ހޫމް. މިއަދު ފޮށި ހިފައިގެން ދަނިކޮށް އަހަރެންނާވެސް ދިމާވީ. އަހަރެންނަށް އެނގިގެނެއްނު އިތުރު މީހަކަށް އެނގޭނީ. މިވާހަކަ ދެއްކީމަ މި ހަނދާންވީ.. ޝައި.. އަހަރެން ބޭނުން ރިއާން ނެތް ވަގުތު އަހަރެންގެ އެއްޗެހި ބަލައިދާން. އުހޫން. މިހާރު ދާނީ.. ޝައި ދާންވާނެ އަހަރެންނާއެކު" ޒީވާ ބުންޏެވެ. އަދި ސުކުންތެއްވެސް ލަސްކުރުމެއްނެތި އޭނާ އިންތަނުން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ.

ޝައިނާ ކަންބޮޑުވެފައި ޒީވާއަށް ބަލައިލިއެވެ. ޒީވާ ހުރީ ރިއާން ހަމަ ރަނގަަޅަށްވެސް ދޫކޮށްލުމުގެ އަޒުމުގައި ކަހަލައެވެ. މިވަގުތު އޭނާއަށް ބަަލައިލައިފި މީހަކު އެއީ މިވީހާ ދުވަހު ރިއާންގެ ލޯބީގައި އާވާރާވެފައިވި ޒީވާއެކޭ ނުބުނާނެއެވެ. ޒީވާގެ ހިޔާލު ބަދަލު ނުވާނެކަން އެނގުމާއެކު ޝައިނާވެސް އިންތަނުން ތެދުވެ ޒީވާގެ ފަހަތުން ހިނގައިގަތެވެ.

ޒީވާ ބޭނުންވި ފަދައިން އެޕަރޓްމެންޓަށް އާދެވުނު އިރު އެތަނުގައި ރިއާންގެ އެއްވެސް ހިލަމެއް ނެތެވެ. އެހެނަސް ނަޝްވާއާއެކު ރިއާން އެއްވެސް ތަނަކަށް ފުރައިގެން ހިނގައިދާނެ ކަމަކަށް ޝައިނާއަކަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.

ފޮށި ތައްޔާރު ކުރުމަށް ޒީވާ ކޮޓަރިއަށް ވަތްވަގުތު ޝައިނާ ސިޓިންގްރޫމްގައި މަޑުކޮށްލިއެވެ. އަދި ޝައުގުވެރިކަމާއެކު ގޭގެ އެތަން މިތަނަށް ކަޅިއުކަން ފެށިއެެވެ. އެތަނުގެ ޒަމާނީ ފަރުމާތަކާއި ކުލަތައް އޭނާގެ މޫނުނަތިން ހިތްހަމަޖެހުމުގެ ކުލަތައް ފެންނަންހުއްޓެވެ. އެއީ އެ އެޕަރޓްމެންޓަށް ވަދެވިއްޖެނަމަ އޭނާގެ މޫނުމަތިން ނުފިލާ ހިނިތުންވުމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޭނާ މަސައްކަތްކުރާ ދާއިރާގެ ގޮތުންނާއެކު އެ އެޕަރޓްމެންޓްގެ ރީތިކަން ވެފައިވަނީ އޭނާ ބަލައި ފޫހިނުވާފަދަ ރީތިކަމަކަށެވެ. ޝައިނާ މަޑުމަޑުންގޮސް އެތަނުގެ ފާރަށް ފައްތައިފައިހުރި މަސް ޓޭންކުގެ ގާތަށް ހުއްޓިލިއެވެ.

"އަހަރެންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ ޒީ ދެވަނަ ވިސްނުމަކާނުލައި މިހާ ހެވެންލީ ތަނެއް ދޫކޮށްލާފަ ދާންބޭނުންވާ ސަބަބެއް" ފޮށި ހިފައިގެން ކޮޓަރިން ނުކުތް ޒީވާއަށް ބަލައިލަމުން ޝައިނާ ބުންޏެވެ.

"ޝައިނާއަށް މިތަން ޕެރެޑައިސްއެއް ހެން ހީވިޔަސް އަހަރެންނަކަށް މިއީ މާ ހެޕީ ތަނެއް ނޫނޭ" ޒީވާ އެހެންބުނި ނަމަވެސް އޭނާ އޭރު ހުރީ ހިޔާލަކަށް ގެއްލިފައެވެ. އެއީ ކިހާ ދެކޮޅު ނުޖެހޭ އަދި ހަގީގަތެއް ނެތް ބަސްތަކެއްކަން އޭނާއަށް އިހްސާސްވީ އެ ބަސްތައް އޭނާގެ ދުލުން ބޭރު ކުރެވުނު ފަހުންނެވެ.

އާނއެކެވެ. އެތަނުގައި ޒީވާ ހޭދަކުރި ގިނަ ދުވާލާއި ރޭތަކަކީ އެކަނިވެރިކަމާއި ފަޅުކަމުން ފުރައިލެވިފައިވި ދުވާލާއި ރޭތަކެއް ކަމަށްވިޔަސް ރިއާންއާއެކު ހޭދަކުރެވުނު މަދު އުފާވެރި ދުވަސްތަކުގެ ހަނދާންތައް އެ ހަތަރުފާރުގެ ތެރޭގައި ބިންވަޅުނެގިފައިވެއެވެ. އެ އެޕަރޓްމެންޓްގެ ކޮންމެ ކަނަކުން އޭނާއާއި ރިއާންގެ ލޯބީގެ މަންޒަރުތައް ޒީވާގެ ލޯ ކުރިމައްޗަށް ކުލަވާންފެށި ކަހަލައެވެ. ފެންކަޅިވާން ފެށުމާއެކު އަވަސް އަވަހަށް އިސްޖަހައިލައި އެސްފިޔަތައް ތަޅުވައިލަމުން ޒީވާ ކުރިއަށް ހިނގައިގަތެވެ. ޝައިނާއާ އަރައި ހަމަވުމާއެކު ޒީވާ އަނެއްކާވެސް ހުއްޓުންއެރިއެވެ. މިފަހަރު ޝައިނާވެސް ފަސްއެނބުރި ޒީވާގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލައިލިއެވެ. ކިޗަން އައިލަންޑް މަތީގައި ބަހައްޓާފައިހުރި ކޮފީ ހުސްކުރި ޖޯޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާގެ މޫނުމަތީގައިވި ކުލަވަރުވެސް މުޅިންހެން އޮއްސިއްޖެއެވެ. އޭގައިހުރި މުށިކުލައަކަށްދާ ގަދަ ރަތްކުލައެއްގެ ލިޕްސްޓިކް ގެ ފާހަގަ ފުރަތަމަ ފެނުމާއެކުވެސް ޝައިނާއަށް އެއީ ޒީވާގެ ކަމެއް ނޫންކަން އެނގުނެވެ. ޒީވާއަކީ އާންމުކޮށް މަޑު ކުލަތަކުގެ މޭކަޕް ބޭނުންކުރާ ކުއްޖެކެވެ. ގަދަ ރަތްކުލައެއްގެ ލިޕްސްޓިކެއް ޒީވާގެ އަތުގައި އޮވެދާނެ ކަމާމެދުވެސް ޝައިނާއަށް ޝައްކެވެ.

"ޒީ…" ޝައިނާ ހަމްދަރުދީގެ ރާގެއްގައި ގޮވައިލުމާއެކު ޒީވާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. އައިލެންޑް މަތީގައި ހުރި ޖޯޑު ނަގައި ސިންކުގެ ތެރެއަށް ދޫކޮށްލުމަށްފަހު ކެބިނެޓްގެ ތިރީ ވަތްގަނޑުން ނެގި ޕްލާސްޓިކް ފޮށްޓަކަށް ޒީވާ ކޭކުއަޅަން ބޭނުންކުރާ އެއްޗެހި އަޅައި ބަންދުކުރަން ފެށިއެވެ. އެ މަސައްކަތުގައި އުޅުނުއިރު ޒީވާ އިރު އިރުކޮޅާ ނޭފަތް ދަމައިލާ އަޑުން އެކަނިވެސް ޝައިނާއަށް ޒީވާ ރޮނީކަން ޔަގީންވިއެވެ. ދެންވެސް އޭނާ ހުރީ ޒީވާ އެއްޗެކޭ ބުނޭތޯ މަޑުކޮށްލައިގެނެވެ.

"އަހަރެންނަށް ދެން ހެޔޮ. އަހަރެން މި ދަނީނު.. ދެން އޭނާ ބޭނުން ގަޑިއަކު ގެންނަންވީ.. ހެނދުނަކަސް މެންދުރަކަސް ރޭގަނޑަކަސް.. އެހާ ބުރަކޮށް އުޅޭއިރު އޭނާގެ އަމިއްލަ މަސައްކަތް ހުއްޓާލާފަ ކޮންމެހެން އަހަރެން ޑިއުޓީގަ އުޅޭގަޑި ބަލާފަ ގެންނަން… ކިހިނެއް އެނގެނީ އަހަރެން ދަންވަރު ޑިއުޓީ އޮންނަ ރޭރޭވެސް-"

"ޒީ.. ދެން ހުއްޓާލަބަ.. ތިއީ ކޮންކަމެއް؟ މިހާރު މާބޮޑަށް އޯވަރތިންކް ކުރަނީ ތިއީ" ޝައިނާގޮސް ޒީވާގެ ގައިގައި ބައްދައިލިއެވެ. އޭރު ޒީވާގެ ފަނޑު ގިސްލުމުގެ އަޑު އިވެމުންދިޔައެވެ.

"އަހަރެން ބޭނުމީ ދާން ޝައި.. ހިނގާ ދާން. ދެންމެ އިރުކޮޅަކަށް ހިތަށްއެރި މަޑުކޮށްފާނަމޭވެސް. އެކަމަކު.. ދެން ނުހުންނާނަން" ޝައިނާގެ ގައިން ދޫކޮށްލަމުން ޒީވާ ރުއިން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރިއެވެ. އެތަނުގައިހުރި ޕްލާސްޓިކް ފޮށީގައި މަތިޖެހުމަށްފަހު އެ ފޮށި ގޮސް ކޮޓަރިން ނެރުނު ލަގެޖްގެ މަތީގައި ބަހައްޓައިލުމަށްފަހު ލަގެޖް ދުއްވައިލިއެވެ.

"ދައްތަ ގާތު ކީކޭ ބުނާނީ؟" ޓެކްސީގައި ހަމަޖެހިލެވުމާއެކު ޝައިނާ އަހައިލިއެވެ. އޭގެ ތިން ހަފްތާކުރިން ވާފިޔާ ފޯނުން އެންގި އެންގުމަށްފަހު އޭނާ އަދި އެގެއަށް ގޮސްފައެއް ނުވެއެވެ. މިއަދު ޒީވާއާއެކުގޮސް ވާފިޔާއާ ކުރިމަތިލާން ޖެހިދާނެ ކަމަށްޓަކައި އޭނާގެ ހިތުގައި ހާސްކަމެއް އުފެދުނެވެ.

"ޝައި އެކަމާ ހާސްވާނެ ކަމެއްނެތް. އަހަރެން ކޮންމެވެސް ގޮތަކަށް އެކަން ހަމަޖައްސާނަން" ޒީވާގެ ޖަވާބާއެކު ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ޒީ އެކަނި ހަމަޖައްސާލެވެންޏާ އަހަރެން އަޅެ އޮފީހަށް ގޮސްލަންތަ؟ ވަރަށް ބައިވަރު މަސައްކަތް އެބަހުރި. ރިއާން ބުނި މިއަންނަ މަސް ފެށެން ވާއިރަށް-"

"މައްސަލައެއްނެތޭ. ކޮންމެހެން އޭނަގެ ވާހަކަ ދައްކާނެ ކަމެއް ނެތް" ޒީވާ ބެލީ ރިއާންގެ ނަންވެސް ނުގަނެ ވާހަކަދެއްކޭތޯއެވެ. އެ މޫނުމަތީގައިވި ހިތާމަ ރުޅިވެރިކަމުގެ ޒަރިއްޔާއިން ފޮރުވަން އުޅުނަސް ޝައިނާގެ ލޮލަކަށް އެ ހިތާމަ ފަރުދާއެއް ނުވިއެވެ.  އެހެންކަމުން އޭނާ ޒީވާ ހެއްވައިލުމުގެ މަސައްކަތް ފެށިއެވެ.

"ކަމޯން ޒީ.. ދެން ތިހާ މޫޑީ ނުވެބަލަ. ތިއީ ޒީއާ ގުޅޭ ގޮތެއްވެސް ނޫނެއްނު. ބުނެބަލަ. އަހަރެން އެ އޮފީހުން ކެނޑެންވީތަ؟" ޝައިނާ ސަމާސާ ރާގެއްގައި އަހައިލިއެވެ.
"ޝައިވެސް މިހާރު ދޮންބެއަށް ވަނީތަ؟ ނޭނގޭދޯ ސީރިއަސް ވާން ޖެހޭ ވަގުތެއްވެސް" ޒީވާ ނުރުހުމުގެ ރާގެއްގައި ބުންޏެވެ.  މިފަހަރު މޫޑު ކެޓި މީހަކީ ޝައިނާއެވެ. ރާހިލްގެ ވާހަކަ ޒީވާ ކޮންމެހެން އެތަނަށް ގެންނަންޖެހޭބާއޭ ޝައިނާގެ ހިތަށް އެރިއެވެ. އެހެނަސް ޒީވާގެ ހާލަތަށް ބަލައި ޝައިނާ އެކަން އަވަސް އަވަހަށް ހަނދާން ނައްތައިލިއެވެ.

"އަޅެ ސީރިއަސްކޮށޭ މި ބުނީ. އަހަރެން އެ އޮފީހުގަ އުޅެންޏާ ޒީއަށް އަބަދު އޮފީސް މަތިން ހަނދާންވާނެ. އަނެއްކާ އަހަރެންނަށް ރިއާންގެ ވާހަކަވެސް ދެއްކޭނެ. އެހާ އެރޮގެންޓް ބޮސްއެއް ހުންނަންޏާ ދެން އެވާހަކަ ދެއްކޭނެތާ ދޯ" ޝައިނާ ބުންޏެވެ.

"އަހަރެން ބުނިއްޔާ ޝައި ހަމަ ކެނޑިދާނަންތަ؟" ޒީވާ ހައިރާންވެފައި އަހައިލިއެވެ.

"ހްމްމް. އަހަރެންގެ މާސްޓަރޒް ނިމުނުތާ ކޮން ދުވަހެއް. ދެން ކޮންޓްރެކްޓްގަ ބާކީ އޮތީ އެންމެ މަހެއް. ކޮންޓްރެކްޓް އާ ކުރުމާ ނުކުރުން އޮންނާނީ އަހަރެންގެ އަތްމަތީގަ" ޝައިނާ ބުންޏެވެ.

"ޕިސް. ޝައި މަޑުކުރޭ. ޝައި ގެ ކެރިއާއަށް އާރް.އެލް މުހިއްމެއްނު؟ އެހެންނޫނަސް ޝައި ކެނޑުނެކޭ ކިޔާފަ އަހަރެންނަށް ރިއާންއާ ފޭސް ނުކޮށް ހުރެވޭނެތަ؟ އަހަރެން ރިއާން ދަންނަންފެށީ ޝައިއަށްވުރެވެސް ކުރިންނޭ." ޒީވާ ބުންޏެވެ.

ދެ އެކުވެރިން އެކި ވާހަކަތަކުގައި ތިއްބައި ވިއްސަކަށް މިނަޓުގެ ދަތުރު ނިމި ކާރު ޒީވާމެންގެ ގޭދޮށަށް ހުއްޓައިލިއެވެ. އެއްބަސްވެވިފައި އޮތް ގޮތުގެ މަތިން ކާރުން ފޭބީ ޒީވާ އެކަންޏެވެ. އެހެންކަމުން ޝައިނާއާއެކު އެކާރުގޮސް މަގުގެ ކޮޅަށް އޮބައިލަންދެން ބަލަން ހުރުމަށްފަހު ޒީވާ ގޭގެ ބޮޑުދޮރުން އެތެރެއަށް ދެމިގަތެވެ.

ލިފްޓުގައި ހުރިއިރު އޭނާގެ ހިތް މޭފަޅައިފައި ނުކުމެދާނޭ ވެސް ޒީވާއަށް ހީވިއެވެ. ލިބިފައިވާ ހާސްކަމުގެ ސަބަބުން އެހާވެސް ބޮޑަށް ހިތުގެ ވިންދު އަވަސްވެފައިވިއެވެ. ކިތަންމެ ހިތްވަރުކޮށްފައި މިހިސާބަށް އަޔެއްކަމަކު އަދި ޝައިނާގެ ކުރިމަތީގައި ކިތަންމެ ކެރޭކަން ދެއްކިއެއްކަމަކު ވާފިޔާގެ ސުވާލުތަކާ ކުރިމަތިލާން އޭނާ އަދި ތައްޔާރެއް ނޫނެވެ. އެ އެޕަރޓްމެންޓެގެ ދޮރާ ހިސާބަށްދެވުނުއިރު ކިތަންމެ ފަހަރަކު ޝައިނާ ފޮނުވާލެވުނު މޮޔަ ޒީވާއަށް ހީވަމުންދިޔައެވެ. ޝައިނާއަކީ އަބަދުވެސް ވާފިޔާ ހައްލައިލުމުގައި އޭނާއަށްވުރެން ކާމިޔާބު މީހެކެވެ. ޒީވާ ގޭގެ ބެލް އަޅައިލުމަށްފަހު ފުންނޭވާއެއް ލަމުން ދޮރު ހުޅުވާނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ.

"ޒީ.. ދަރިފުޅު އެކަނިތަ؟ ރިއާން ކޮބާ؟ އަނެއްކާ ކިހިނެއްވީ؟" ދޮރު ހުޅުވައިލި ވަގުތު ފޮށްޓާއެކު ބޭރުގައި މަޑުކޮށްލައިގެންހުރި ޒީވާފެނި ވާފިޔާގެ މޫނުމައްޗަށް ވެރިވި ކަންބޮޑުވުން ސިއްރެއް ނުވިއެވެ.

"ރިއާން.. ރިއާން ތަންކޮޅެއް ބިޒީކޮށް އުޅެނީ.. އަހަރެން އެކަނި އައީ މަންމާ" ޒީވާ އިސްޖަހައިލަމުން ބުންޏެވެ.

"ދަރިފުޅާ. އަނެއްކާ ކަމެއްވީތަ؟ ރިއާންއާ ދެކުދިން މައްސަލައެއް ޖެހުނީތަ؟ ކީއްވެ ފޮށިހިފައިގެން"

"ދެން އަޅެ މަންމާ! ކަމެއް ނުވެޔޭ. އަހަރެން ހަމަ ދުވަސްކޮޅަކަށް މަންމަމެންގާތަށް އައިސްލީ. އިޝީވެސް ވަރަށް މިސްވޭވިއްޔަ"

ވާފިޔާއަށް ހަގީގަތް ކިޔާދޭކަށް ޒީވާ ބޭނުމެއް ނޫނެވެ. އެ ކައިވެންޏަކީ ދެ އާއިލާގެ ގުޅުމަށް ކިހާ މުހިއްމު ކައިވެންޏެއްކަން އޭނާއަށް އެނގެއެވެ. އެ ދެއާއިލާއިން އެއްބަޔަކު އަނެއްބަޔަކު ދަންނަން ފެށީ އިއްޔެއަކު ނޫނެވެ. ނާޝިދާއި ރިޔާޒެކޭ އެއްފަދައިން ވާފިޔާއާ ޝީރީންގެ މެދުގައިވެސް އޮތީ ވަރަށްބަދަހި ގުޅުމެކެވެ. އެ ކައިވެނީގައި ސިއްކަ ޖަހާނަމަ ދެއާއިލާގެ ޒަމާންވީ ރަހްމަތްތެރިކަމަށްޓަކައި އެ ކައިވެނި ސުލްހައިގެ މަތީގައި ނިންމައިލުމަކީ މުހިއްމު ކަމެކެވެ. އެކަމަށްޓަކައި ރިއާންއާ ފަހުންވިޔަސް މަޝްވަރާ ކުރަން ޖެހޭނެކަން ޒީވާ ގަބޫލުކުރެއެވެ. އެހެނަސް ވާފިޔާހުރީ ޒީވާގެ ވާހަކަ ގަބޫލު ނުކުރެވިފައެވެ. ޒީވާއަށް އެކަން އެނގި އަނެއްކާވެސް ވާހަކަ ފެށިއެވެ.

"ކިހިނެއްވީ؟ މިހާރު އަހަރެންނަށް މިގެއަށް ނާދެވޭނީތަ؟ ރިއާން ބިޒީ އިރު އަހަރެންވެސް ކިހާ ފޫހިވާނެ. މަންމަމެންވެސް އަހަރެން ބޭކާރު ކޮށްލީތަ؟" ޒީވާ ދެރަވެލައިފައި ބުންޏެވެ.

"ނޫން އެހެނެއް ނޫން. ދަރިފުޅު ބޭނުން އިރަކުން ހަމަ އައިސްފަ ދާންވީ. އެކަމަކު މިވެސް ހިފައިގެންތަ؟" ޒީވާގެ ފޮށްޓާއެކު އެތެރެއަށް ވެއްދި ޕްލާސްޓިކު ފޮށިގަނޑަށް ބަލައިލަމުން ވާފިޔާ އަހައިލިއެވެ.

"ހްމްމް. އިޝީ އާ ދެމީހުން ކޭކް އަޅަންވެގެން. މަންމަ ދޭބަލަ މީތި ބަދިގެއަށް ލާދޭން. އަހަރެން މިދަނީ ފޮށި ހިފައިގެން މައްޗަށް" ޒީވާ އެ ޕްލާސްޓިކު ފޮށިގަނޑު ވާފިޔާއާ ހަވާލުކުރިއެވެ.

ޒީވާ އަވަސްކަމާއެކު ސިޑީގެ ހަރުފަތްތަށް ހުރަސްކޮށް ގޮސް ކޮޓަރިއަށް ވަތްތަން ބަލަންހުރި ވާފިޔާގެ ބުމަވަނީ ގޮށްޖެހިފައެވެ. ޒީވާ ކިތަންމެ ފޮރުވަން އުޅުނު ކަމުގައިވިޔަސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރު ވާފިޔާގެ ހިތް އޭނާއަށް ދެމުންދިޔަ ކަހަލައެވެ. އެ ވަސްވާސްތައް ހިތުން ފޮހެލުމަށްޓަކައި ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ވާފިޔާ ފޮށިގަނޑު ހިފައިގެންގޮސް ބަދިގެއަށް ވަނެވެ.

ކޮޓަރީގެ އެނދުގައި ފަރާތްފަރާތަށް ފުރޮޅިލައި ފުރޮޅިލައި އޮތް ޒީވާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ވާނީވެސް އެހެންތާއެވެ. ރޭ ދެބައިވުމާ ގާތްވެފައިވިއިރު އަދިވެސް އޭނާއަކަށް ރިއާންގެ ހަބަރެއް ލިބިފައެއްނެތެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ފުރައިގެންދިޔަ ނަމަވެސް ގުޅައިނުލި ތަނުގައި މެސެޖެއް ކޮށްލަން އެންމެ ރަނގަޅެއް ނޫންހެއްޔެވެ؟ އޭނާގެ ހާލު ބަލައިލަން ރަނގަޅެއް ނޫންހެއްޔެވެ؟ ރިއާން އެ ދިޔަ ތަނަކުން އަންނާނީ ކިހާ ދުވަހެއްފަހުން ހެެއްޔެވެ؟ ރިއާން އައިސްފައި އޭނާ ގެއްލިގެން އުޅޭނެހެއްޔެވެ؟ އޭނާ ހޯދަން އަންނާނެ ހެއްޔެވެ؟

ސުވާލުތަކުން ފުނިޖެހެމުންދިޔަ ސިކުނޑިއަށް ލުއެއް ހޯދައިދިނުމަށްޓަކައި ޒީވާ ރިމޯޓުނަގައި ކޮޓަރީގައި ހުރި ބޮޑު ޓީވީއިން ބަލާނެ ފިލްމެއް ހޯދައިލިއެވެ. އެ ފިލްމު ތަކުގެ ތެރެއިން އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އިނގިރޭސި ފިލްމު "10 ތިންގްސް އައި ހޭޓް އަބައުޓް ޔޫ" އެވެ. އެއީ އޭނާއާއި ރިއާން ކައިވެނިކުރި ފަހުން އެދެމީހުން އެކުގައި ބެލި ފުރަތަމަ ފިލްމެވެ. ދެމީހުން އެކުގައި ހޭދަކުރި ވަރަށްވެސް އުފާވެރި ދޮޅުގަޑިއެއްހާއިރެވެ. ޒީވާގެ ސިކުނޑީގައި އިއްޔެވީ ކަމެއްހެން އެ ހަނދާންތައް ހަރުލައިފައިވެއެވެ. އެ ފިލްމު ފެނުމުން އިތުރަށް ރިއާންގެ މަތިން ހަނދާންވިއެވެ. ވީ ފޫހިންނާއި ދެރައިން ޒީވާ ޓީވީ ނިއްވައިލުމަށްފަހު މޫނުމަތީގައި ބާލީސް އަޅައިގެން އޮށޯވެއްޖެއެވެ. އޭރު ހަށިގަނޑުގައިހުރި މަޑު ތުރުތުރުލުމުން އޭނާ ރޮމުންދާކަން އެނގެއެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ހިޔާލު ބަދަލުވި ފަދައިން މޫނުމަތިން ބާލީސް ނެގުމަށްފަހު ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލަމުން ޓީވީ ހުޅުވައިލިއެވެ.

"އޭނައެއްކަމަކު ހުރިހާ މޮޅެއް ނުލިބޭނެ. މިރޭ އެކަނި އިނދެ ބެލީމަ ދެން މި ފިލްމު ބަލާ ކޮންމެފަހަރަކު އޭނަމަތިން ހަނދާނެއް ނުވާނެއެއްނު. ވަރަށް ފޫހިވޭ! އަހަރެންގެ ލައިފް ރުއިންކޮށްލި ގޮތަށް އަހަރެންގެ ފޭވަރިޓް ފިލްމް ރުއިން ކޮށްލާކަށް ފުރުސަތެއް ނުދޭނަން" ޒީވާ ގިސްލަގިސްލާފައި އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައިރު ހީވީ އޭނާގެ އަމިއްލަ ހިތަށް އެވާހަކަތައް ވިސްނައިދޭން އުޅުނުހެނެވެ. ކޮންމެއަކަސް ކަރުނައިން ފޯވަމުންދިޔަ ކޯތާފަތް ޓިޝޫއަކަށްފަހު ޓިޝޫއެއްނަގައި ފޮހެމުން އޭނާ ފިލްމު ބެލުމާއިގެން ކުރިއަށް ދިޔައެވެ.

————————————

ރިއާންއަށް އެރޭ ގެއަށް އާދެވުނީ މެންދަމާ ގާތްވި ފަހުންނެވެ. މީގެ އަށްގަޑިއެއްހާއިރު ކުރިން އޭނާ އެގެއިން ނުކުތްއިރު އަތުގައި އޮތް ރަތްކުލައިގެ ފައިލު އަދިވެސް އޭނާގެ އަތުގައި އޮތެވެ. އެހެން ރޭރެއާ ހިލާފަށް މިރޭ އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމުގެ އަސަރެވެ. ފަޅުކޮށް އޮތް ކޮޓަރިތެރެއަށް ނަޒަރު ހިންގައިލުމަށްފަހު ޒީވާ އުޅެނީ ފާހަނައިގައި ކަމަށް ނިންމައި އޭނާގޮސް އެ ފައިލު ހިފައިގެން ތިޖޫރި ހުރި ހިސާބަށް ތިރިވެލިއެވެ. އަދި އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހޫމް ވަރަށްފޫހި އަދިދަމުންވެސް އެދިޔައީ ޒީވާގެހިތުގާ
    ރިއާންއާދޭތެރޭގަ ރުޅިވެރިކަން އުފައްދާފައެއްނު
    ޒީވެސްތާންކޮޅެއް އަވަހީ ގޮތްނިންމާލެއް .

    2
    3
  2. ހާދަ ދެރައޭ…. ޒީ ކީއްވެ ރިއާން އާއި ސުވާލުނުކޮށް އެހާ އަވަހަށް ތިދިޔައީ. ދެކުދިންގެ ލައިފްވެސް ދާދި އެއްގޮތަކަށް މިދަނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު