Thursday, 20 June 2024

ރައީސުލްޖުމްހޫރިއްޔާ، މ. މުލީގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުލަކަތޮޅު މުލީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރު މުލަކަތޮޅު މުލަކު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ކަރަންޓާ ނަރުދަމާގެ ހާލަތު ވަރަށް ދަށްކަމުގައި ވިދާޅުވިއެވެ. އަދި ތައުލީމީ ދާއިރާ، ޞިއްޙީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރަށުގައި ކުރެވިދާނެ ކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ހައުސިންގ ޔުނިޓް ހައްދަވައިދެއްވުމަށާ، ރަށުގެ އިޚްތިޞާޞުގައި މ.ބޯހުރާ ހިމެނުމަށް ބޭނުންވާކަމަށާ، އަދި އެކަމުން މުއްޔަށް ފައިދާވާނެ ގޮތެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު މުއްޔަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދެއްވައި މުލިވެސް އާބަން ސެންޓަރެއްގޮތުގައި ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު