Thursday, 20 June 2024
ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާ

ރަމަޟާން މަހުވެސް މަސްޖިދުލްއަޤްޞާގައި ނަމާދު ކުރެވޭނީ ވަކި ޢަދަދެއްގެ ބަޔަކަށް ކަމުގައި ޔަހޫދީން ކަނޑައަޅައިފި

ކުރިއަށް އޮތް ރަމަޟާން މަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ނަމާދު ކުރެވޭނީ ވަކި ޢަދަދެއްގެ ބަޔަކަށް ކަމުގައި ޔަހޫދީން ކަނޑައަޅައިފިއެވެ. ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ, މީގެ ކުރީގެ އަހަރުތަކުގެ ރަަމަޟާން މަހެކޭ އެއްގޮތަށް, ކުރިއަށް އޮތް ރަމަޟާން މަހު ވެސް އަޤްޞާގައި ނަމާދުގެ ޖަމާޢަަތުގައި ބައިވެރިވުމުގެ ފުރުޞަތު ދޭނީ މަދު ޢަދަދެއްގެ ބަޔަކަށް ކަމުގައެވެ.

ޖައްބާރު ނަތަންޔާހޫގެ އޮފީހުން ބަޔާނެއް ނެރުނު ނަމަވެސް, މިސްކިތަށް ވަދެވޭނީ ކޮން ޢަދަދަކަށް ކަން ސާފުކޮށްދީފައެއް ނުވާއިރު، މީގެ ކުރިން ޔަހޫދީ ނަތަންޔާހޫ ވަނީ, ރަމަޟާން މަހު އަޤްޞާއަށް ވަނުމަށް މުސްލިމުންނަށް ހުރަސް އަޅާނެ ކަމަށް ބުނެފައެވެ.

އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި ނަތަންޔާހޫގެ ސަރުކާރުން ބުނީ, އަޤްޞާއަށް ވައްދާ މުސްލިމުންގެ ޢަދަދު ހަފުތާއަކު އެއް ފަހަރު މުރާޖަޢާ ކުރާނެ ކަމުގައެވެ. މިއީ, ބައިތުލްމަޤްދިސްގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ނަމުގައި ޔަހޫދީން ހިންގާ ނާތަހުޒީބު ޢަމަލެކެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިތުރުން އިސްލާމީ ކަންތައްތަކާ ފަލަސްޠީނުގެ ބެހޭ އެންމެ މަތީ މަޖިލީހުން ވެސް ވަނީ ޔަހޫދީންގެ މި އަމަލު ކުށްވެރި ކޮށްފައެވެ. އަދި, ޙަމާސުން ވަނީ, ރަމަޟާން މަސް ފެށުމާ އެކު, ވީހާ ވެސް ގިނަ ޢަދަދެއްގެ މުސްލިމުން އަޤްޞާއަށް ދިޔުމަށް ގޮވައިލާފައެވެ.

އަޤްޞާއަކީ އިސްލާމްދީން ފެށިގެން ދިޔަ ދުވަސްވަރު ޢިބާދަތް ކުރުމުގެ ފުރަތަމަ ޤިބުލަ ކަމުގައި ބެލެވުނު ތަނެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އިސްރާގެ ދަތުރުފުޅު ކުރައްވައިފައި ވަނީ މަސްޖިދުލްޙަރަމުން އަޤްޞާއަށް ކަމުގައެވެ. އެއީ, އެ ތަނެއް ވަށައިގެން މާތް الله ބަރަކާތް ލައްވާފައިވާ ތަނެކެވެ. އަދި, ރަސޫލާ ﷺ އިސްރާގެ ދަތުރުފުޅާ ގުޅިފައިވާ ބަރަކާތްތެރި މަޤާމުފުޅެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހު އެތަކެއް ހާސް މުސްލިމުންނެއް އަޤްޞާއަށް ޒިޔާރަތް ކުރެއެވެ.

ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު