23 އެޕްރީލް 2025
މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް

މަގުމައްޗަށް ކުނި ނުނެރުމަށް އީޕީއޭއިން އިލްތިމާސްކުރައްވައިފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، އޭޖެންސީ އިލްތިމާސްކުރައްވައިފިއެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދޭކަމަށާއި، މިގޮތުން އުފެދޭ ކުނި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަ ކަމަށް އީޕީއޭއިން ފާހަގަކުރައްވައެވެ.

މިކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އީޕީއޭއިން ވިދާޅުވިއެވެ. މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށާއި، ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ދުރާލާ ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅައިގެން ހަމަޖެއްސެވުމަށް އީޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

އީޕީއޭއިން ވަނީ ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެއް ކަން ފާހަގަކުރައްވާފައެވެ. އަދި ކުނި މެނޭޖުކުރުމާއިބެހޭ ޤާނޫނާއި އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު