Saturday, 12 October 2024

ރައީސްގެ ވަޢުދުގެ ދަށުން ޙައްޖަށް ފޮނުވައިދޭ 50 މީހުން ހޮވައިފި

ފަގީރުންގެ ތެރެއިން 1000 މީހުން ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން މިއަހަރު ޙައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ޙަރަދުގައި ޙައްޖަށް ގެންދާނެ 50 މީހުން ވަނީ ގުރުއަތުން ހޮވާފައެވެ. އަދި މީގެތެރެއިން އެއްވެސް މީހަކަށް ނުދެވޭ ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެޖާގައަށް ގެންދާނެ އިތުރު 10 މީހަކު ރިސަރވްގެ ގޮތުގައި ވަނީ ގުރުއަތުން ހޮވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ޢުމުރުން 50 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ފަގީރުންގެ ލިސްޓުގައި މިދިޔަ އަހަރު ތިބި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ 982 މީހުންނާއި އިންޓަރވިއުކޮށްފައިވާކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ޝަރުތު ހަމަވާ 667 މީހުން އެބަތިބިކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދާ މީހަކީ އަތޮޅުތެރޭގެ ރަށަކުން އަންނަ މީހެއްނަމަ ޙައްޖަށް ދިޔުމަށް މާލެ އައުމާއި، ޙައްޖަށްފަހު އެނބުރި ރަށަށް ދިޔުމަށް ހިނގާ ޚަރަދު ސަރުކާރުން ހަމަޖައްސާ ދޭނެއެވެ. މިއުސޫލުގެ ދަށުން ޙައްޖަށް ގޮސް އަޅުކަމުގެ ތެރޭގައި ޚާއްސަ ސިއްޙީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް ހިނގާ ޚަރަދުވެސް ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ މީޙުންގެ ކަންކަން ބަލަހައްޓާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު