Thursday, 20 June 2024

މާލޭގެ މަގުތަކުން އިއްޔެ އެކަނިވެސް 60 ޓަނުގެ ކުނި ނަގައިފި

މާލޭގެ މަގުތަކުން އިއްޔެ އެކަނިވެސް 60 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން، ގޭގޭ ސާފުކުރުމަށްފަހު މާލޭގެ އެކި މަގުތަކަށް ކުނި ނެރެ އުކާނުލާ ބެހެއްޓުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

ގޭގޭ ސާފުކޮށް މަގުތަކަށް ނެރެފައި ހުރި ކުނީގެ ތެރޭގައި، ހިފާގެންގުޅޭ ސާމާނާއި އަދި ފަރުނީޗަރު ފަދަ ބޮޑެތި ކުނީގެ ބާވަތްތައްވެސް ހިމެނެއެވެ. އަދި ކުނިވާޒާތުގެ ކުނިވެސް މަގުތަކަށް ނެރެފައި ހުރިކަމުގެ ޝަކުވާވެސް ބޮޑެވެ.

އެހެންކަމުން، މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތްތަކެއް ފަށްޓަވާފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ، 27 މަގެގައި ޖަމާކޮށްފައި ހުރި ކުނި ނެގުމުގެ މަސައްކަތްތައް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ޚާއްޞަކޮށް ގިނަ އަދަދަކަށްކަށް ކުނިއެއްކޮށްފައި ހުރި 17 މަގަކުންނާއި، ބޮޑެތި 10 މަގަކުން ކުނި ނެގުމުގެ މަސައްކަތް މިހާރުވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ޖުމްލަ 60 ޓަނުގެ ކުނި އިއްޔެ އެކަނިވެސް މާލޭގެ މަގުތަކުން ވަނީ ނަގާފައިކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މިގޮތަށް މަގުތަކުގައި ކުނި ބަހައްޓަމުންދާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިއީ ވެށި ހަޑިވުމާއި ސިއްޙީގޮތުންވެސް ނޭދެވޭ އަސަރު ކުރާ ކަމަކަށްވާތީ އެކަން ނުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުނި އުކާލުމުގައި ފަސޭހަކުރުމަށް، ކުރިއަށް އޮތް 3 ދުވަހު ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކަށް އެއްވެސް ފީއެއް ދެއްކުމެއް ނެތި އާއްމުންނަށް ކުނި އުކޭނެ އިންތިޒާމް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ގޭބިސީތަކުން އުކާލާ ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި އުކާލުމުގެ ކެޕްސް ޚިދުމަތް ވެމްކޯއިންވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު