Saturday, 15 June 2024

ސުޕްރީމް ކޯޓުގެ ޙުކުމަށް ޢަމަލު ނުކުރަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ގުނަންވާނީ. މިހާރު ހުސްވެފައިވާ ގޮނޑިތައްވެސް ހިމަނައިގެންކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަށް ޢަމަލު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގައި ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު ޤަވާއިދަށް ގެނައި އިސްލާހުގެ ދަށުން މެންބަރުން ގުނަނީ 80 މެންބަރުންގެ ގޮތުގައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ އިޞްލާހު ބާޠިލްކަމަށް ހުކުމްކުރައްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ޖުމްލަ މެންބަރުންގެ ޢަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާއި ޚިލާފުކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނާއިރު އިސްތިއުފާ ދިން މެންބަރުން ނުގުނައި ގޮތަށް ގަވާއިދަށް ގެނައި އިސްލާހު، އުވާލަން ހުށަޢަޅުއްވާފައެވެ. އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅުއްވާފައިވާތީ، ގަވާއިދަށް ގެނައި އެއިޞްލާހު އުވާލަން ހުށަހަޅުއްވާ ކަމަށެވެ.

އެގޮތުން މިއަދުގެ ޖަލްސާ ފެއްޓެވީވެސް މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 މެންބަރުންކަމަށް ބަލައިގެންނެވެ. އަދި ޖަލްސާ ފަށަން ބޭނުންވާ ކޯރަމަކީ 22 މެންބަރުންކަމަށް ބަލައިގެންނެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންގެ ނުރުހުން ރިޔާސަތަށް އަމާޒުކުރިއެވެ. އަދި ފާޑުވިދާޅުވިއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސަޢުދު ޙުސައިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ޢަމަލު ނުކޮށް، މަޖިލީހުގެ ޖުމްލަ ޢަދަދަކީ 80ކަމަށް ބަލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށައަޅުއްވާފައެވެ. ސަޢުދުގެ އެ ހުށައެޅުއްވުމަށް ތާޢިދުކުރެއްވީ ގަލޮޅު އުތުރު ދާއިރާގެދަ ޑިމޮކްރެޓްސްގެ މެންބަރު ޢީވާ ޢަބްދުﷲއެވެ.

އެ ހުށައެޅުމަށް ވޯޓަށް އެހުމުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ހުށައެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 2 މެންބަރުންނެވެ.

"މިގޮތަށް ފާސްވުމާއި ގުޅިގެން ދެން މަޖިލީހުގެ ޖަލްސާތަކުގައި ވޯޓު ނެގުމުގައި މަޖިލީހުގެ ޖުމްލަ ޢަދަދުކަމުގައި މަޖިލީހުގެ ރިޔާސަތުން ބަލަމުންދާނީ 80 މެންބަރުންކަމުގައި ދަންނަވަން." މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދަށް މެންބަރުން ގެންނަވާފައިވާ އިޞްލާހުގައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށްކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ސުޕްރީމްކޯޓުގެ ނިންމުންރަގަޅު. އެއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަން އޮންނަންވީ ގޮތެވެ. އެހެން ނޫނިއްޔާ ފައިސާދީގެން މެމްބަރުންތަކެއް ވަކިކޮށްފާ ގާނޫނުއަސާސީ ބަދުކޮށްގެން ބޭނުންކަމެއް ކުރެވިދާނެ. ސުޕްރީމްކޯޓުގެ ހުކުމާއި އިދިކޮޅަށް ވޯޓްދިން އެކަކުވެސް މިއަންނަ ދައުރަށް ރައްޔިތުން ހޮވައިގެންނުވާނެ.

  2. ތިޔަ ނިންމުން ނިންމުމަށް ވޯޓުދިން ހުރިހާ މެންބަރު އެވަނީ ކޯޓުގެ ޙުރުމަކް ކެނޑުމައި ބައިވެރިވެފައި، ދެންޖެހޭނީ އެކަމަށް އަދަބު ކަނޑައެޅުމަށްފަހު ގޮނޑި ދުއްވާލަން، ހިތުހުރިހާ ގޮތަކަށް ކަންތައްކުރަން ދޫކޮށްލުމަކީ ބުއްދިވެރިކަމެއްނޫން، ތިމާމެންގެ އީގޯކަން ކުރިޔަށްނެރެ ޤާނޫނުއަސާސީއަށް ނުބަލައި ކަންކުރާ ބަޔަކު ދިވެހި ރައްޔިތުން އެއަށް ޢަމަލުކުރަންޖެހޭ ޤާނޫނު ހަދަން ޙަވާލުކޮށްފައި ބޭތިއްބުމަކީ ގެއްލުންބޮޑު ކަމެއް، ދައުރުގެ ބާކީ މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ނުސިޔާނު ކަންކަން ކުރުމަށް ރާވައިގެން އެހިންގަނީ ޖަރީމާއެއްކަން މިހާރު ރައްޔިތުންނަށް އެނގޭ.

  3. މަޖިލީހުގެ ނިންމުން ރަނގަޅު. އެއީ މަޖިލީހުގައި އެވަގުތަކު ތިބި އެބަހީ ހުސްގޮނޑި ނުލާ (ގޮނޑި ހުސްވެފައިވާ ދާއިރާތައް) ޢަދަދު ގުނުން ރަނގަޅީ. ދިވެހިރާއްޖޭގައި މައްސަލަ ޖެހޭ ކޮންމެ ކަމެއްގެ ފަހުބަސް ބުނަށް ސުޕުރީމް ކޯޓަށް އިޚްތިޔާރު ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް. ސްޕްރީމް ކޯޓަށް އައްޔަން ކޮށްފައި ތިބެނީ މަލާއިކަތުންނެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު