އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މިއަދު އައްޔަންކޮށްފިއެވެ.
އީސީން ވިދާޅުވީ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް މެންބަރު ކަމުގެ މަގާމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާކުރައްވާފައި ވާތީ އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރުމަށް މިއަދު އާންމު ޖަލްސާއެއް ބޭއްވި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭއްވި އާންމު ޖަލްސާގައި އީސީގެ ނައިބު ރައީސްގެ މަގާމަށް އަލީ ނަޝާތު އައްޔަންކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
މިއީ އީސީގައި ނަޝާތުގެ ވެސް ދެވަނަ ދައުރެވެ. އެ ކޮމިޝަންގެ މެމްބަރު ކަމަށް ދެވަނަ ދައުރަކަށް އޭނާ އައްޔަންކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހު 16 ގަ އެވެ. އީސީގެ މެމްބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަންކުރީ 2018 ވަނަ އަހަރު އެވެ.
އީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ހަބީބް އީސީން އިއްޔެ ވަކިވެވަޑައިގަތީ އެ ކޮމިޝަނަށް އޭނާ ހިދުމަތް ކުރައްވާތާ 21 އަހަރު ފަހުންނެވެ. އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ.
ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.