ވިލުފުށީ ސްކޫލުގެ ސާނަވީ ދަރިވަރުންނަށް ސެލްފް ޑިފެންސްގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް "ތައްޔާރު" ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމް ނިންމުމަށް މާރިޗު 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ވަސީމްއެވެ. މި ރަސްމިއްޔާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެހެނިހެން އިއްޒަތްތެރިންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވެއެވެ. އަދި މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ވިލުފުށީ ހެލްތު ސެންޓަރުން ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މާރިޗު 5 އިން 9 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހަރުދަނާ، ކިޔަމަންތެރި އަދި ފަހުރުވެރި ދަރިވަރަކު ދިރިއުޅުމުގެ ހާލަތަށް ތައްޔާރުކުރުމަށް ނަފުސު ނުވަތަ ޖިސްމު ދިފާއުކުރުމުގެ އަސާސީ ތަމްރީނުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، ދިރިއުޅުމުގައި ދިމާވެދާނެ ހާލަތަކަށް ދަރިވަރުން ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ތައްޔާރުކުރުމަށް މައުލޫމާތު ދީފައިވާ ކަމަށާއި، އަދި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ވިލުފުށީ ސްކޫލުގެ 33 ދަރިވަރުން މިޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.