އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މާރިޗު 7 ވަނަ ދުވަހު ނައްތާލާފައިވަނީ 202 ފުޅި ބަނގުރަލާއި 77 ދަޅު ބިޔަރެވެ. އަދި މިތަކެއްޗަކީ 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެއެވެ.