Wednesday, 19 June 2024

އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެ

އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ.

މިޚިދުމަތް ފަށަން ހަމަޖެހިފައިވަނީ މާދަމާއެވެ. މިކަމަށްޓަކައި ބޭނުންކުރާ ސީޕްލޭން މިހާރުވަނީ ބޭނުންވާ ވަސީލަތްތަކާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސްފައެވެ.

އެއަރ އެމްބިއުލާންސްގެގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފޮޓޯތައް ސޯޝަލް މީޑިއާ ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަގޮތުގައި ސީޕްލޭންގައިވެސް ބޭނުންކޮށްފައިވަނީ މިހާރު ބޭނުންކުރާ ޑޭޝް 8 މަރުކާގެ އެއަރ އެމްބިއުލާންސްގައި ބޭނުންކޮށްފައިވާ ކުލަތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް ޑޭޝް 8 މަރުކާގެ ބޯޓަކާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ޚިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ ބޭނުން ކުރުމަށް ސަރުކާރުން މިވަނީ ތައްޔާރުވެފައެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި ޞިއްޙަތާ ބެހޭ ވުޒާރާއާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސަރވިސްއާއެކު އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި އެމްބިއުލާންސްގައި ކުއްލި ހާލަތުގައި ބޭނުންކުރާ އާލާތްތައް ހަރުކޮށްފައި ހުންނާނެއެވެ. އެގޮތުން އޮކްސިޖަންއާއި، ވެންޓިލޭޓަރާއި، އިމަރޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި ލިބެން ހުންނާނެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. އެގޮތުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ޙާލަތްތަކުގައި އިތުރު ބަޔަކަށް ބަރޯސާނުވެ، ދިވެހީންނަށް ޚިދުމަތް ދެވޭނެ މަގުފަހި ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ. މިއާއެކު މެޑިކަލް އިވެކުއޭޝަންގެ ދާއިރާ ހަރުދަނާވެ، އޭގެ ފައިދާ މުޅި ޞިއްޙީ ނިޒާމަށް ކުރާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު