Wednesday, 19 June 2024

އެމްޕީއެލްއިން "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް މާދަމާ ފަށަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު، އެމްޕީއެލްއިން "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް" ޚިދުމަތް މާދަމާ ފެށުމަށް ނިންމައިފިއެވެ.

މިކަމާ ބެހޭގޮތުން އެމްޕީއެލްއިން ކުރި އިޢުލާނެއްގައިވަނީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ކަނޑާއި ވައިގެ މަގުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެއްކަމަށެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށެވެ.

"ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް" ޚިދުމަތް ފެށުމަށް ނިންމާފައިވާކަން އިޢުލާންކޮށް އެމްޕީއެލްއިންވަނީ ޓެރިފު ރޭޓުތައްވެސް އާއްމުކޮށްފައެވެ.

އެމްޕީއެލްއިން ކަނޑައަޅާފައިވާ ގޮތުގައި، 20 ފޫޓުގެ ކޮންޓެއިނަރގެ އަގަކީ 654.13 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރގެ އަގަކީ 812.71 ޑޮލަރެވެ.

އެކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދާ ވައިގެ މަގުން އެހެން ޤައުމުތަކަށް ފޮނުވުމަށް ބޮޑު ޑިމާންޑެއް އޮތްކަމަށް، އެމްޕީއެލްއިން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ހަމައެހެންމެ، އެމްޕީއެލްއަށް އިތުރު އާމްދަނީއެއް ހޯދުމުގެ މަސައްކަތުގެ ދަށުން މިމަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެފައެވެ. އަދި ޓާކިޝް އެއަރލައިނާ އެކު މިކަމާއި ގުޅޭ މަޝްވަރާތައްކޮށްފައިވާކަމަށް ވަޖީޙު ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު