މިއަދު މާލެ ސިޓީގެ ހަތަރު މިސްކިތެއްގައި ޒުވާން ޚަތީބުން އިމާމްވެ ހުކުރު ނަމާދު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ވިދާޅުވި ގޮތުގައި، ތައިބާ މިސްކިތާއި، މަސްޖިދުލް އަމާނީ އާއި، ޢީދު މިސްކިތުގެ އިތުރުން ހުކުރު މިސްކިތުގައި ޒުވާން ޚާތިބުން އިމާމްވެ ނަމާދުކޮށް ހުތުބާ ދޭ ގޮތަށް ހަމަޖެހިފައިވާއިރު، އިސްލާމީ މަރުކަޒު ގައި ބަންގި ގޮވާނީ ވެސް ޒުވާން ހަތީބެކެވެ.
މިއަދު އިމާމުވެ ހުުކުރު ކުރި ޒުވާން ހަތީބުންނަކީ؛
- ސުލައިމް މުހައްމަދު ލަތީފް – ތައިބާ މިސްކިތް
- ހުސައިން ޒައިން އަލީ – މަސްޖިދުލް އަމާނީ
- އަބްދުލްމަތީން މުހައްމަދު – އީދު މިސްކިތް
- ނައުފަން ނިޔާފް – ހުކުރު މިސްކިތް

މީގެ ތެރެއިން ހުސައިން ޒައިން އަލީ އަކީ އޯޓިސްޓިކް ކުއްޖެއް ކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އޭނާ އަކީ ގުރުއާންގެ ބޮޑު ބައެއް ހިތު ދަަސްކޮށްފައިވާ ވަރަށް ރީތިކޮށް ހުތުބާ ކިޔައި ގުރުއާން ކިޔަވާ ކުއްޖެކެވެ.
މި ޒުވާން ޚަތީބުންނަކީ، ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް އަމާޒުކޮށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހިންގި ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނެވެ.
މީގެ އިތުރުން އެ ޕްރޮގްރާމް ފުރިހަމަކުރި ހަތީބުންގެ ތެރެއިން މި އަހަރު 16 ކުއްޖަކު އިމާމުވެ ތަރީވީހް ނަމާދު ކުރެއެވެ.