23 އެޕްރީލް 2025

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި، ކުލުނު އުފެދުން ހިމެނޭ: ހުކުރު ޚުޠުބާ

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި، ކުލުނު އުފެދުން ހިމެނޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ރޯދައިގެ ޙިކުމަތް" މި މަޢުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ ޛާތުފުޅަށް ނިސްބަތް ކުރައްވާފައިވާ ސިފަފުޅުތަކުގެ ތެރެއިން، އެއް ސިފަފުޅަކީ، ޙިކުމަތްވަންތަކަން ކަން ކަމަށެވެ.

" އެކަލާނގެއީ اَلْـحَكِيْم އެވެ. اَلْـحَكِيْم މި އިސްމުފުޅު ނެގިފައިވަނީ، اَلْـحُكْم އަދި اَلْـحِكْمَة މި ދެބަހުންނެވެ. އެހެނީ އެންމެހައި ޙުކުމްތަކެއް ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ އެންމެހައި ޙުކުމްފުޅުތަކެއް ކަނޑައަޅުއްވާފައިވަނީ، މަތިވެރިވެގެންވާ ޙިކުމަތާއެކު ނުހަނު ފުރިހަމަ ގޮތުގައެވެ. ﷲ تَعَالَى ޚަލްޤުކުރެއްވި ކޮންމެ އެއްޗަކުން ވެސް އަހަރެމެންނަށް ފެންނަނީ، ޙިކުމަތްވަންތަކަމުގެ އިންތިހާއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ﷲ ޝަރުޢުކުރައްވާފައިވާ ބައެއް އަޅުކަންތަކުގެ ޙިކުމަތް ޞަރީޙަކޮށް ބަޔާންކުރައްވާފައިވާއިރު، އަނެއްބައި އަޅުކަންތަކުގެ ޙިކުމަތް ބަޔާންނުކުރައްވައި، ދޫކޮށްލައްވާފައިވާ ކަމަށާއި، ނަމަވެސް ﷲ تَعَالَى  އެއްވެސް އަޅުކަމެއް، ބޮޑުވެގެންވާ ޙިކުމަތަކަށްޓަކައި މެނުވީ، ޝަރުޢުކުރައްވާފައެއް ނުވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ރޯދައަކީ ﷲ تَعَالَى ގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެބޮޑަށް އެހީވެދޭ އެއް އަޅުކަން ކަން ފާގަގަކުރައްވަމުން، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށާއި، މި ހުރިހާ ކަންކަމަކީ ވެސް، تَقْوَى ވެރިކަން ޙާޞިލުކޮށްދޭ ކަންކަން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

" ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނެއެވެ. އަޅާ ރޯދައަށް ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވެއެވެ. ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނަ ކަމަށެވެ.

ރޯދައިގެ ޙިކުމަތްތައް އިތުރަށް ބަޔާންކޮށްދެއްވަމުން ހުކުރު ޚުޠުބާގައި ވިދާޅުވީ، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ޙަރާމް ކަންތައްތަކާ ދުރުހެލިކުރުވުން ހިމެނޭ ކަމަށާއި، ﷲ تَعَالَى ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބޭ ކަމަށާއި، އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެއް ކަމަށެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދުން ހިމެނެއެވެ. ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެއެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެއެވެ. އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރި ކޮށްދެއެވެ. ހަމަ މިފަދައިން ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމާ އޭނާ އެއްކިބާކުރުވައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން ކަން ފާހަގަކުރައްވައި، ނަތީޖާއެއްގެ ގޮތުން، ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭ ކަމަށާއި ހެޔޮޢަމަލުތަކުގައި، މީހާ މަޝްޣޫލުކުރުވާ ކަމަށާއި ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، ﷲ سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެން ކަން ހަނދާކޮށްދެއްވަމުން، ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުއްނަތަށް ތަބަޢަވެގެން ކަމަށާއި، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުން ކަމަށް ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ.

"ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ. ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުންނެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ، ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، تَقْوَى ވެރިވުން ކަމަށާއި، ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމަށެވެ. އަދި މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީބައި އިތުރުވާ ކަމަށާއި، ނަތީޖާއަކަށް ވަނީ، ނުބައިކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވުން ކަން ފާހަގަކުރެއްވިއެވެ.

"ދުލުން ހަޑި ހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުމެވެ. ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްވުމެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުމެވެ. ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރި ކަމެކެވެ." ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު